02 Jul 2014, 10:46
ޕެރިސް (ޖުލައި 2) : ކޮރަޕްޝަނާއި ވެރިކަމުގެ ބާރުތައް ނަހަަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފަރަންސޭސި ފުލުހުން އެގައުމުގެ ކުރީގެ ނިކޮލައި ސާކޯޒީ ހައްޔަރުކޮށް ޝަރީޢަތަށް ހާޒިރުކޮށްފި އެވެ.
ސާކޯޒީގެ ދިފާއީ ވަކީލު ޓެރީ ހެރްޒޮގް ވިދާޅުވެފައި ވަނީ ކޮރަޕްޝަނާއި ވެރިކަމުގެ ބާރުތައް ނަހަަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފަރަންސޭސި ފުލުހުން އިއްޔެ ހެނދުނު ސާކޯޒީ ހައްޔަރުކުރުމަށް ފަހު އޭގެ 15 ގަޑިއިރު ފަހުން މިމައްސަލަ ބަލާ ކޯޓަށް އޭނާ ޙާޒިރުކޮށްފައިވާ ކަމުގަ އެވެ. މިއީ ފަރަންސޭސި ވިލާތުގެ ކުރީގެ ރައީސަކު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރި ފުރަތަަމަ ފަހަރު ކަމަށްވެ އެވެ. ކޮރަޕްޝަނުގެ އިތުރު މައްސަލައެއް ކަމަށްވާ "ބިތަންކޯރ"ގެ ނަމުން ނަންދެވިފައިވާ މައްސަލައާ ގުޅިގެން ވެސް ސާކޯޒީގެ މައްޗަށް ވަނީ ކޮރަޕްޝަނާއި ފަރަންސޭސި ދައުލަތުގެ ފައިސާ ނަހަަމަ ގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ކުރެވިފަ އެވެ.
ސާކޯޒީއަކީ 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރަންސޭސި ރިޔާސީ އިންތިޚާބަށް ވާދަ ކުރެއްވުމުގެ ފޮނި އުންމީދުގައި ހުންނެވި ބޭފުޅެކެވެ. ނަމަވެސް ކޮރަޕްޝަނުގެ ދެ މައްސަލައެއްގައި އޭނާ ކޯޓަށް ހާޒިރުވާންޖެހިފައި ވާތީ އާއި މި ދެ މައްސަލައިގެ ތެރެއިން ކޮންމެވެސް އެއްމައްސަލައެއްގައި އޭނާ ބެދުމުގެ ފުރުސަތު ބޮޑުކަމުން މިއީ އަލުން އަނބުރައި ވެރިކަމަށް ވަޑައިގަތުމަށް ސާކޯޒީ ކުރައްވާ އުންމީދުތަކަށް ކުރިމަތިވި ވަރުގަދަ ހުރަހެއް ކަމަށް މުރާސިލުން ބުނެ އެވެ. (ރޮއިޓާސް)