02 Jul 2014, 10:35
އަންކަރާ (ޖުލައި 2) : އިރާގުގެ ކުރުދީ ދަރިކޮޅުގެ މީހުން ދިރިއުޅޭ އެގައުމުގެ އުތުރުގެ ސަރަހައްދުގައި މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރުދީ ލީޑަރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ދެކޮޅުހަދާކަން އީރާނާއި ތުރުކީންހާމަކޮށްފި އެވެ.
އީރާނުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިރާގު ބައިބައިވެގެން ދިޔުމަށް އީރާން ދެކޮޅުހަދާ ކަމަށާއި އިރާގުގެ އުތުރުގެ ކުރުދީ ނަސްލުގެ މީހުން އުޅޭ ކުރުދިސްތާން ސަރަހައްދުގައި ކުރުދީން ނަށް ޚާއްސަ މިނިވަން ދައުލަތެއް އިއްލާންކޮށްފި ނަމަ އިރާގުގެ ދައުލަތް ރޫޅި މުޅި ސަރަހައްދަށް އެކަމުގެ ނުރައްކާ ފޯރައިގެން ދާނެ ކަމަށާ މިއީ އީރާނުން ދެކޮޅުހަދާ ކަމެއް ކަމުގަ އެވެ.
މިކަމާ ބެހޭ ގޮތުން ތުރުކީގެ ބޮޑުވަޒީރުގެ ނައިބު ބޮލަންތް އިރިނިޗް ވިދާޅުވީ އިރާގު ބައިބައިނުވެ އެއް ދައުލަތުގެ ގޮތުގައި ދެމިއޮތުން ކޮންމެހެން ބޭނުން ކަމަށާއި އިރާގު ބައިކޮށްލުމަށް ކުރެވޭ ހުރިހާ މަސައްކަތަކާ ތުރުކީވިލާތް ދެކޮޅުހަދާނެ ކަމުގަ އެވެ. މިދެ ގައުމުން މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ އިރާގުގެ ކުރުދީ ސަރަހައްދު އިރާގުގެ ދައުލަތުން ވަކިވެ އެސަރަހައްދުގައި މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމާބެހޭ ގޮތުން ކުރުދީންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހަމަޖެހިފައިވާކަން އެ ސަރަހައްދުގެ ލީޑަރު މަސްއޫދު ބަރަޒާނީ އިޢްލާން ކުރެއްވުމާ ގުޅިގެންނެވެ.
އިރާގުގެ ކުރުދީ ދަރިކޮޅުގެ މީހުންނަށް ޚާއްސަ މިނިވަން ދައުލަތެއް، އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އުފައްދައިފި ނަމަ އީރާނާއި ތުރުކީގައި ދިރިއުޅޭ ކުރުދީން ވެސް ވަކިވެގަތުމަށް މަސައްކަތްކޮށްފާނެ ކަމުގެ ބިރު މިދެ ގައުމުން އިހްސާސް ކުރަމުން ގެންދެ އެވެ. ޚާއްސަކޮށް ތުރުކީ ގައި ދިރިއުޅޭ ކުރުދީންގެ ޕާޓީއެއް ކަމަށްވާ ޕީކޭކޭ އިން 1986 ވަނަ އަހަރުން ފެށިގެން ގެންދަނީ ވަކިދައުލަތެއް އިއްލާން ކުރުމަށް ޓަކައި ތުރުކީ ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ. މިހަނގުރާމައިގާ އެތައް ހާސްބަޔަކު މަރުވެފައިވާ އިރު ހަނގުރާމަ މައިތިރިވެފައި ވަނީ ތުރުކީގެ ކުރުދީ ދަރިކޮޅުގެ މީހުންނަށް ކުރިން ނުލިބޭ ބައެއް ހައްގުތައް ތުކުރީގެ މިހާރުގެ ސަރުކާރުން ދޭން ފެށުމާ ގުޅިގެންނެވެ.
އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި މިނިވަން ދައުލަތެއް އުފެއްދުމުގެ ހިއްވަރު އިރާގުގެ ކުރުދީންނަށް ލިބިގެން މިއުޅެނީ އިރާގަށް އެމެރިކާ ސިފައިން އަރައި ސައްދާމް ހުސައިންގެ ސަރުކާރާއި އިރާގު ސިފައިންގެ ކުރީގެ ލަޝްކަރުތައް އުވާލުމާ ގުޅިގެން އިރާގުގެ މައި ސަރުކާރު އާދަޔާ ޚިލާފަށް ބަލިކަށިވެގެން ދިޔުމާ ގުޅިގެންނެވެ. އިރާގުގެ މައިސަރުކާރު ބަލިކަށިވެގެން ދިޔުމާ އެކު އިރާގުގެ ސުންނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ "ދި އިސްލާމިކް ސްޓޭޓް ފޯ އިރާގް އެންޑް ދަ ލެވަންޓް" (ދާޢިޝް) އިން އިރާގުގެ ހުޅަނގުގެ ސަރަހައްދު ހިފައި އެސަރަހައްދުގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުލަތެއް އުފެއްދިކަންވެސް ދާދިފަހުން ވަނީ އިޢްލާން ކޮށްފަ އެވެ.
މީގެ އިތުރުން އިރާގުގެ އުތުރުގައި ތެލުގެ ގޮތުން އެންމެ މުއްސަނދި ސިޓީ ކަމަށްވާ ކިރްކޫކްގައިތިބި އިރާގު ސިފައިން އެސިޓީން ބޭރުކޮށްލުމަށް ފަހު ކުރިދީންގެ "ބިޝްމަރުގާ" ހަނގުރާމަވެރިންގެ އަތްދަށަށް އެސިޓީ ދިޔުމާ ގުޅިގެން ވެސް އިރާގުގެ ކުރުދީ ލީޑަރުންނަށް ވަނީ ވަކިވެގަތުމުގެ ހިއްވަރު އިތުރަށް ލިބިގެން ގޮސްފަ އެވެ. އިރާގުގެ ކުރުދިސްތާން ސަރަހައްދުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އޮންނަ ކިރްކޫކަކީ ކުރުދިސްތާން ސަރަހައްދުގެ ރަށެއްނޫން ނަމަވެސް އެއީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ރަށަކަށްވާތީ ކުރުދީ ލީޑަރުން ދެކެނީ އެރަށަކީ ކުރުދިސްތާނުގެ ބައެއްގެ ގޮތުގަ އެވެ.
އިރާގުގެ ކުރުދީ ސަރަހައްދުގެ ލީޑަރު މަސްއޫދު ބަރަޒާނީ ވަނީ ކިރްކޫކަކީ މިހާރު ކުރުދީންގެ ސިޓީއެއް ކަމަށް ސިފަކުރައްވައި އެތަނުން ކުރުދީންގެ ބާރުތައް ދެން ދުވަހަކު ވެސް ނުފައިބާނެކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އިރާގުގެ މަރުކަޒީ ސަރުކާރުގެ ބާރު ދެރަވެފައިވާ މިދަނޑިވަޅަކީ އިރާގުގެ ކުރުދީން އެމީހުން ދިރިއުޅޭ ކުރުދިސްތާން ސަރަހައްދުގައި މިނިވަން މުސްތަގިއްލު ދައުލަތެއްކަން އިއްލާން ކުރުމަށް އެންމެ އެކަށޭނަ ވަގުތު ކަމަށް ވެސް މަސްއުދު ބަރަޒާނީ ވަނީ ވިދާޅުވެފަ އެވެ.
ބަރަޒާނީގެ މިވާހަކަތަކާ އެކު އިރާގުގެ އުތުރުގައި ކުރުދީން މިނިވަން ދައުލަތެއް ވަރަށް އަވަހަށް އިޢްލާން ކުރާނެ ކަމަށްވަނީ ވަރަށް ބޮޑަށް ބެލެވިފަ އެވެ. އިރާގުގެ ދައުލަތަށް ރޫޅިގެން ދިޔުމަށާއި ކުރުދީންނަށް ވަކި ދައުލަތެއް އުފެއްދުމަށް ތާއީދުކުރާކަން ފާޅުގައި ހާމަކޮށްފައިވާ ހަމައެކަނި ގައުމަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލެވެ. (ނޫސްއެޖެންސީތައް)