ނޭވާ ހިފަހައްޓައިލާން ޖެހޭފަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވެ ނަތީޖާ ނެރުމަށްޓަކައި ދިން އިތުރު ވަގުތުގެ 30 މިނިޓުގެ ތެރޭގައި ކެވިން ޑި ބުރުއިން އާއި ރޮމެލޫ ލުކާކޫ ޖަހައިދިން ދެ ލަނޑާއެކު 2-1 އިން އެމެރިކާ ބަލިކޮށް ބެލްޖިއަމް 28 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ފިފާ ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބެލްޖިއަމްގެ ފުޓްބޯޅައިގެ 'ގޯލްޑަން ޖެނެރޭޝަން'ގެ ގޮތުގައި މަޝްހޫރުވެފައިވާ ކުޅުންތެރިންގެ ޓީމުން އެމެރިކާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތިން ވަނަ މިނިޓްގައި ޑި ބްރުއިންއެވެ. އޭގެ 11 މިނިޓު ފަހުން ބެލްޖިއަމްއަށް ލީޑު ފުޅާކޮށްދިން ލަނޑު ލުކާކޫ ކާމިޔާބުކުރީ ޑި ބްރުއިން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އިތުރު ވަގުތުގެ ފަހު ހާފުގައި އެމެރިކާގެ ކުޅުންތެރިން ކުރިއަށް އަރައި ކުޅުން ވަރުގަދަކޮށް އުފެއްދި ހަމަލާ ތަކާއެކު އެ ޓީމަށް އުންމީދެއް ހޯދައިދިނީ ބަދަލު ކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން އެރުވި ޒުވާން ފޯވާޑް ޖޫލިއަން ގްރީންއެވެ. އުމުރުން 19 އަހަރުގެ ފޯވާޑްގެ ފައިގައި ފުރަތަމަ ޖެހުނު ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑަކީ އޭނާ ވޯލްޑް ކަޕްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ސެލްވަޑޯގެ އެރީނާ ފޮންޓޭ ނޯވާގައި ކުޅުނު ވޯލްޑް ކަޕް 2014ގެ ދެވަނަ ބުރުގެ ފަހު މެޗުގައި ބެލްޖިއަމްގެ ފަރާތުން މޮޅުވުން ހައްގު ކުޅުމެއް ދައްކާފައިވާއިރު އެމެރިކާ ޓީމުން ވަނީ، ހިތްވަރު ގަދަ ކުޅުމެއް ދައްކައިފައެވެ. އެގޮތުން 120 މިނިޓަށް މެޗުގެ ދިގު ދަންމައިލުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ބެލްޖިއަމްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށް މޮޅު ކުޅުމެއް ދެއްކި އެމެރިކާގެ ގޯލް ކީޕަރު ޓިމް ހަވާޑްއެވެ.

މިރޭގެ މެޗުގައި ހަވާޑް ވަނީ، 1966-2014އަށް ވޯލްޑް ކަޕްގައި މިހާތަނަށް އެއްވެސް ގޯލް ކީޕަރަކު އެއް މެޗެއްގައި ނުކުރާހާ ގިނަ 'ސޭވް' ކޮށްފައެވެ. މި މެޗުގައި ހަވާޑް ވަނީ، ނުރައްކާތެރި 15 ހަމަލާ ދިފާއުކޮށްފައެވެ.

އެޑެން ހަޒާޑްއާއި ޑި ބްރުއިންއާއި ޑިވޮކް އޮރިގީގެ އިތުރުން ޔެން ވާޓޮންގަންގެ ފަރާތުން 120 މިނިޓުވަންދެން އެމެރިކާ ކޮޅަށް ނުރައްކާތެރި އެތައް ހަމަލާތަކެއް އުފައްދަމުން ދިޔަ އިރު، މި މެޗުގައި އެމެރިކާގެ ފަރާތުން ރަނގަޅު ހަމަލާތަކެއް ފެނިގެން ދިޔައީ، މެޗުގެ އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ.

ގަދަ 16ގެ ފަހު މޮޅާއެކު ކުއާޓާ ފައިނަލްގައި ބެލްޖިއަމް ވާދަކުރަން ޖެހޭނީ، ސްވިޒަލެންޑް އަތުން 1-0 އިން މިރޭ މޮޅުވި އާޖެންޓީނާއާ އެވެ. އެ މެޗު ކުޅޭނީ، އަންނަ ހޮނިރު ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9:00ގައި ބްރަސީލިއާގައެވެ.

ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗު ހުކުރު ދުވަހުގެ ރޭ 9:00ގައި ކުޅެން ހަމަޖެހިފައި ވާއިރު އެ މެޗުގައި ވާދަކުރާނީ، ފްރާންސާއި ޖަރުމަނެވެ. ދެވަނަ މެޗުގައި ބްރެޒިލާއި ކޮލަމްބިއާ ވާދަކުރާ އިރު ފަހު މެޗުގައި ވާދަކުރާނީ، ނެދަލެންޑްސްއާއި ކޮސްޓަ ރިކާއެވެ.