02 Jul 2014, 00:00
އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނާޒިމް ރަޝާދު ސަރުކާރު ހިންގާ ޕީޕީއެމަށް ގުޅިވަޑައިގަތުމާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ 50 ޕަސެންޓް ޕީޕީއެމަށް ލިބިއްޖެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ނާޒިމް ރަޝާދު ޕީޕީއެމަށް ގުޅިވަޑައިގަތުމުން އެ ޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު ވަނީ 42 އަރާފަ އެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ޕާޓީއަކަށް މަޖިލީހުގެ އެންމެ ގިނަ ގޮނޑި ލިބުނު ފުރަތަމަ ފަހަރެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު އިތުރު ކުރެވުނީ 38 އަށެވެ.
މަޖިލީހުގެ ސާފު އަގުލަބިއްޔަތު ހޯދަން ޕީޕީއެމަށް ބޭނުންވަނީ އެންމެ މެންބަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ސާފު އަގުލަބިއްޔަތަކީ 43 މެމްބަރުންނެވެ. މަޖިލީހުގެ 50 ޕަސެންޓަކީ 42.5 ގޮނޑި އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޕާލަމެންޓްރީ ގްރޫޕުގެ ފަސް މެމްބަރުންނާއެކު ސަރުކާރުގެ މެމްބަރުންގެ އަދަދު 47 އަރަ އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު "ސަން"އަށް މިރޭ ވިދާޅުވީ މަޖިލީހުގެ 50 ޕަސެންޓް ސަރުކާރު ހިންގާ ޕީޕީއެމަށް ލިބުނަސް، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ އެއްޗެއްގައި "ރަބަރު ތައްގަނޑު" ނުޖަހާނެ ކަމަށެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން މަޖިލީހުގައި މަސައްކަތް ކުރާނީ ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާ ހުރި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ވަނީ މުޅި މަޖިލީހުގެ 50 ޕަސެންޓް ލިބިފައި. އަޅުގަނޑުމެން މި ލިބުނު އަގުލަބިއްޔަތުގެ ބޭނުން ކުރާނީ އިގްތިސާދީ ގޮތުނާއި ސިޔާސީ ގޮތުން ގައުމަށް ދިމާވި ހާލަތްތަކުން އަރައިގަތުމަށް. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ރަބަރު ތައްގަނޑު ޖަހާ ބަޔަކަށް ނުވާނަން،" މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.
ޕީޕީއެމަށް ސޮއި ކުރެއްވި ނާޒިމް ރަޝާދު ނިމިދިޔަ ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާ އެމްޑީޕީއަށް ގުޅިވަޑައިގެންނެވީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އެމްޑީޕީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ރަސްމިއްޔާތުގަ އެވެ. އެއީ ފެބްރުއަރީ 17، 2010 އެވެ.
ނިހާން މިރޭ ވިދާޅުވީ ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރައްވާފައިވާތާ "ދެތިން ހަތަރު ދުވަސް ވެއްޖެ" ކަމަށެވެ. އޭނާ ވިދާޅުވީ ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރެއްވި ފޯމް ލިބިވަޑައިގެންފައިވާ ކަމަށާއި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޭނާއަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެއް ކަމަށް ރިޔާސަރުން އިއުލާން ކުރައްވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރެއްވުމުން އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ 23 އަށް ވެއްޓިފަ އެވެ. މިއީ ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު މިހާވަރަށް ތިރިވި ފުރަތަމަ ފަހަރެވެ.