މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުގެ ސަބަބުން އިތުރަށް ދިން 15 މިނިޓްގެ ދެހާފުގެ ފަހު ވަގުތުގައި ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެންޖެލް ޑި މާރިއާ ޖަހައިދިން ރީތި ލަނޑާއެކު 1-0 އިން ސްވިޒަލެންޑް ބަލިކޮށް އާޖެންޓީނާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ޕެނަލްޓީ ޝޫޓްއަޓަކަށް ދާންޖެހިދާނެ ކަމުގެ ކުލަވަރު ފެނިފައި ވަނިކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ، ސްވިޒަލޭންޑްގެ ހާފުގެ މެދު ތެރެއިން ބޯޅަ ހޯދައިގެން ޕެނަލްޓީއޭރިޔާއާ ދިމާއަށް ހަލުވި ދުވެލީގައި ގޮސް ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ، ޑި މާރިއާ މެޗުގެ 118 ވަނަ މިނިޓުގައި ސްވިސް ގޯލް ތެރެއަށް ފޮނުވާލީ ގޯލް ކީޕަރު ޑިއެގޯ ބެނާލިއޯއަށް ބޯޅަ ދިފާއުކުރަން ކުޑަވެސް ފުރުސަތެއް ނުދީއެވެ.

މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ސްވިސްއަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ބްލެރިމް ޒެމައިލީ ބޮލުން ޖަހައި ފޮނުވާލި ބާރު ހަމަލާ އަމާޒުވީ އާޖެންޓީނާގެ ގޯލް ދަނޑިއަށެވެ. އަދި ދަނޑީފައި ޖެހިފައި ބޭރަށް ނުކުތްބޯޅަ އެނާގެ ކަކުލުގައި ޖެހިފައި ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ.

މެޗު ފެށިގެން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެޗު ޑޮމިނޭޓް ކުރަމުން ގެންދިޔައީ އާޖެންޓީނާއެވެ. އެކަމަކު ވެސް ސްވިޒަލެންޑްގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލުމަށް އާޖެންޓީނާއަށްވީ ދަތި އުނދަގޫ ކަމަކަށެވެ.

އާޖެންޓީނާއިން ސްވިޒަލެންޑު ގޯލަށް 29 ހަމަލާ ފޮނުވާލިއިރު އޭގެ ތެރެއިން 22 ހަމަލާ ވަނީ ގޯލަށް އަމާޒުކޮށްފައެވެ. ސްވިޒަލޭންޑުން އާޖެންޓީނާ ގޯލަށްޖުމުލަ 14 ހަމަލާ ފޮނުވާލިއިރު އޭގެތެރެއިން ގޯލަށް ބޯޅަ އަމާޒު ކުރެވިފައި ވަނީ އެންމެ 7 ފަހަރު އެވެ. ބޯލް ޕޮސިޝަން އުޅެނީ އާޖެންޓީނާ 62 ޕަސެންޓް އަދި ސްވިޒަލެންޑް 38 ޕަސެންޓެވެ.

ދެޓީމުގެ ފަރާތުން ވެސް ހަމަލާތަކެއް ފެނިގެން ދިޔަ މެޗުގެ 78 ވަނަ މިނިޓުގައި ސްވިޒަލެންޑް ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ޑްރިބްލް ކޮށްލާފައި ގޮސް، މެސީ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށް ވެސްވީ ބެނާލިއޯ އެވެ.

މި ނަތީޖާއާ އެކު ކުއާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ، މިރޭ ދަންވަރު ރާއްޖޭ ގަޑިން 1:00ގައި ކުޅޭ ގަދަ 16ގެ މެޗުގައި ބެލްޖިއަމްއާ ޔޫއެސްއޭ ވާދަކޮށް މޮޅުވާ ޓީމަކާއެވެ.