ވޯލްޑް ކަޕުގައި ވާދަކުރާ ބެލްޖިއަމްގެ އެޑެން ހަޒާޑަކީ ވަރަށް މޮޅު ކުޅުންތެރިއެއްގެ ގޮތުގައި އެ ޓީމުގެ ޓޯބީ އަލްޑާވޭރެލްޑް ސިފަކޮށްފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ގަދަ 16ގައި އެމެރިކާއާ ދެކޮޅަށް މިރޭ ބެލްޖިއަމް ނުކުންނަ އިރު، އެ ޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދިނުމަށް ހަޒާޑު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އަލްޑާވޭރެލްޑް ގަބޫލުކުރެ އެވެ.

"ހަޒާޑަށް ޕްރެޝަރެއް އޮތް ކަމަކަށް އަހަރެން ގަބޫލުއް ނުކުރަން. އޭނާ އަބަދުވެސް މިގޮތަށް ކުޅޭ. އަދި އޭނާ އަބަދުވެސް ކުޅެނީ އުފަލާއެކު. ހަޒާޑް ބޭނުން ވަނީ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާން. އެހެންކަމުން އަހަރެމެންގެ ތަފާތަކީ އެއީ. ހަޒާޑްގެ ކިބައިގައި ހުރި ހުނަރުތަކުގެ ސަބަބުން އޭނާ ހުއްޓުވުމަކީ އުނދަގޫ ކަމަކަށް ވާނެ. ހަޒާޑަކީ ވަރަށް ހުނަރުވެރި، ވަރަށް އަވަސް އަދި ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއް،" އިއްޔެ އޮތް ބެލްޖިއަމްގެ ފަރިތަކުރުންތައް ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަލްޑާވޭރެލްޑް ބުންޏެވެ.

މާކް ވިލްމޮޓްސްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބެލްޖިއަމް ޓީމަށް ލިބިފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގެ މުހިންމު ޑިފެންޑަރުންތަކަކަށް ލިބިފައިވާ އަނިޔާތަކެވެ. ބެލްޖިއަމްގެ ތޯމަސް ވަމާލިން އާއި ކެޕްޓަން ވިންސެންޓް ކޮމްޕަނީ އަދި އެންތޮނީ ވެންޑެން ބޯރޭ އަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ ކުޅުންތެރިންނަށް އެމެރިކާއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިވެވިދާނެ ކަމުގެ އުންމީދު ވަރަށް ކުޑަ އެވެ.

އަލްޑާވޭރެލްޑް ގަބޫލުކުރާ ގޮތުގައި، އެ ކުޅުންތެރިންނަށް އަނިޔާވި ނަމަވެސް، އެ މަގާމުތައް ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ބެލްޖިއަމް ޓީމުގައި އެބަ ތިބި ކަމަށެވެ.

"އިތުބާރު ހިފޭ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި އެބަ ތިބި. ދެކުނު ކޮރެއާ އާ ދެކޮޅަށް އަހަރެމެން ކުޅުނު މެޗުގައި މި މުބާރާތުގައި މެޗެއް ނުކުޅެ ތިބި ގިނަ ކުޅުންތެރިންތަކެއް ކުޅުނު. އެ މެޗުން އަހަރެމެން ދައްކުވައި ދިނީ ޓީމުގައި ވަރުގަދަ ބެންޗެއް ވެސް އޮތް ކަން. ޑެނިއަލް ވެން ބުއިޓެން އަކީ ވަރަށް ތަޖުރިބާ ހުރި ޑިފެންޑަރެއް. ވެން ބުއިޓެން ކުޅުނު މެޗުތަކުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި." އޭނާ ބުންޏެވެ.

އެމެރިކާއާ ދެކޮޅަށް ބެލްޖިއަމް ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 01:00 ގަ އެވެ. މި މެޗު ކުޅޭނީ ސަލްވަޑޯގެ އެރީނާ ފޮންޓެ ނޯވާގަ އެވެ.