01 Jul 2014, 21:08
ޕިލިޕްސް އޯޕަން ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗްތަކުން ޓީޖީއައި ޓީމާއި ސްނަކުއިކް ލިލީ މޮޅުވެއްޖެ އެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގައި މިއަދު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗް ގެރެވިއާ ބައްދަލުކޮށް 10 ލަނޑުން ކާމިޔާބުކުރީ ޓީޖީއައި އެވެ. ދެވަނަ މެޗް ސީބީއެލް ސްޕޯޓްސްއާއި ބައްދަލުކޮށް ކާމިޔާބުކުރީ ސްނަކުއިކް ލިލީގެ ޓީމް އެވެ.
ފުރަތަމަ މެޗް ޓީޖީއައި ކުޅެން އަރައި އަށް އޯވަރު 90 ލަނޑު ހެދި އެވެ. އަދި ދެކުޅުންތެރިން ނުބައިވިއިރު ޓީޖީއައީގެ އަފްލާހް 25 ލަނޑު ހެދި އިރު، އެޓީމުގެ އުމަރު 24 ލަނޑު ހެދި އެވެ.
ޖަވާބުގައި ގެރެވި ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 80 ލަނޑުއެވެ. އަދި މެޗުގައި ރިސްވާން ނުބައިނުވެ 27 ލަނޑު ހެދި އެވެ.
ދެވަނަ މެޗް ސަންކުއިކް ލިލީ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 98 ލަނޑެވެ. މުހަންމަދު ފައިސްލް 14 ލަނޑެވެ.
ޖަވާބުގައި ސީބީއެލް ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 90 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 31 ލަނޑުހެދި މުއާވިއަތު އަބްދުލް ޣަނީ އެވެ.
މިމުބާރާތުގައި މާދަމާ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ކްރިކެޓް ބޯރޑުގެ ވައިޑީޕީ ޓީމާއި ހައިޑްސްގެ ޓީމްއެވެ. މެޗް ފަށާނީ ހަވީރު 4:15 ގަ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ އޮލިވްސްއާއި ބްރޫޗެވެ. މެޗް ފަށާނީ 5:00ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.