01 Jul 2014, 20:06
ވޯލްޑް ކަޕުގެ ގަދަ 16 ގައި ފްރާންސް އަތުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ނައިޖީރިއާގެ ކޯޗު ސްޓެފަން ކެޝީ އިސްތިއުފާ ދީފި އެވެ.
ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކުރި ނައިޖީރިއާ ބަލިވީ ފްރާންސް އަތުން 2-0 ލަނޑުންނެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ފެނުނު ލަނޑުތަކުގެ ތެރެއިން ފުރަތަމަ ލަނޑު ފްރާންސް އަށް ޕޯލް ޕޮގްބާ ކާމިޔާބުކޮށްދިން އިރު، ފަހު ލަނޑަކީ ނައިޖީރިއާގެ ޖޯސެފް ޔޯބޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ކޯޗު ކެޝީ އިސްތިއުފާ ދިނުމުގެ ކުރިން ނައިޖީރިއާގެ ކެޕްޓަން ޔޯބޯ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. ނައިޖީރިއާ އަށް ކުޅުނު 100 ވަނަ މެޗަށް ފަހު ޔޯބޯ ކުޅުން ހުއްޓާލި އިރު، އެ މެޗުގައި ބައިކޮޅަށް ލަނޑެއް ވަދެފައި ވަނީ އޭނާ އަތުންނެވެ.
"އަހަރެންގެ އާއިލާ ކައިރިއަށް އެނބުރި ގޮސް އާ ގޮންޖެހުންތަކަކާއި ކުރިމަތިލާންވީ ވަގުތު ޖެހިއްޖެ،" ނައިޖީރިއާ އަށް 2011 ވަނަ އަހަރުން ފެށިގެން އިރުޝާދުދެމުން ދިޔަ އުމުރުން 52 އަހަރުގެ ކޯޗު ކެޝީ ބުންޏެވެ.
ވޯލްޑް ކަޕަށް ނައިޖީރިއާ ކުރިމަތިލި އިރު، އެ ޓީމު ފާހަގަކޮށްލެވެނީ އެންމެ ފަހުގެ އެފްރިކަން ނޭޝަންސް ކަޕުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ.