01 Jul 2014, 20:03
މިދިޔަ ސީޒަނުގައި ސައުތެމްޓަމް އަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ލިވަޕޫލް އަށް ސޮއިކޮށްފި އެވެ.
އުމުރުން 26 އަހަރު ލަލާނާ މިއަދު ލިވަޕޫލްއާ ގުޅިފައިވާ ކަމަށް އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރި ލަލާނާ، އެކްލަބުގެ މެޑިކަލް ފުރިހަމަކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ލިވަޕޫލްއާ އެކު ލަލާނާ ސޮއިކުރީ 25 މިލިޔަން ޕައުންޑް (23 މިލިއަން ޑޮލަރު) އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
"އަހަރެންގެ ކެރިޔަރުގެ އާ ސޮފްހާ ހުޅުވާލެވޭތީ އަހަރެން މިހިރީ ވަރަށް އުފާވެފަ. ހާއްސަކޮށް ލިވަޕޫލް ކަހަލަ ކްލަބަކަށް އާދެވުމުން މިހިރީ ވަރަށް އުފަލުން. މި ކްލަބާއެކު މަސައްކަތްކުރަން އަހަރެން މިހިރީ ކެތް މަދުވެފަ،" ލިވަޕޫލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ލަލާނާ ބުންޏެވެ.
ލިވަޕޫލް އަށް ޕްރިމިއާ ލީގުގެ ތައްޓެއް ނުލިބޭތާ 24 އަހަރަށް ފަހު، މިދިޔަ ސީޒަނުގައި އެ ކްލަބުން ވަނީ ލީގު ކާމިޔާބުކުރުމާ ވަރަށް ގާތަށް ޖެހިލައިފަ އެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ލީގު ގެންދިޔައީ ލިވަޕޫލްއާ ދެ ޕޮއިންޓްގެ ފަރަގަކާއެކު ކުރީގައި އޮތް މެންޗެސްޓާ ސިޓީ އެވެ.