ކަނޑުމަގުން 24 ކިލޯގެ ހެރޮއިން ރާއްޖެ އެތެރެ ކުރި އީރާނުގެ މަސް ބޯޓުގައި މަސައްކަތް ކުރާ ޕާކިސްތާން ދެ މީހަކު ޑީޕޯޓް ކުރުމަށް ކްރިމިނަލް ކޯޓުން އަންގައިފި އެވެ.

ހަ ދުވަހުގެ މަސައްކަތުން ކަނޑުމަގުން ފާރަލައިގެން ފުލުހުން އަތުލައިގަތް 24 ކިލޯގެ ހެރޮއިން ބަރުކޮށްފައިވާ ޑިންގީ ރާއްޖެ އެތެރެ ކުރީ ރާއްޖެއަށް މަސްގަންނަން އަންނަ "ހޮރުމޯޒް" ނަމަކަށް ކިޔާ އީރާނުގެ ބޯޓަކުންނެވެ. އެ ބޯޓުން ފުލުހުން ހައްޔަރު ކުރި 11 ޕާކިސްތާން މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން ހުރިހާ އެންމެން ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ބަންދުގައި ތިބި ޕާކިސްތާން ދެ މީހުން ޑީޕޯޓް ކުރުމަށް ކްރިމިނަލް ކޯޓުން އަންގާފައިވާ މިއަދު ކަމަށެވެ.

ކަނޑުމަގުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެއްތި އެތެރެ ކުރަން އުޅުނު މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއީ ޖުމްލަ 18 މީހެކެވެ. އެއީ ހަތަރު ދިވެހިންނާއި 11 ޕާކިސްތާން މީހުންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުގައި ތިބި ބަންގްލަދޭޝްގެ ތިން މީހުންގެ ތެރެއިން ދެ މީހަކު މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން މިނިވަންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލާގައި ހައްޔަރުކުރި ދިވެހިންގެ ތެރެއިން އެކެއްގެ ބަލި ހާލަތު ހުރިގޮތުން މިދިޔަ އަންގާރަ ދުވަހު ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ، އޭނައަކީ މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 45 އިންސައްތަ ފިހިފައިވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވާ މީހެއް ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހިމެނޭ ދިވެއްސެއްގެ ބަންދުގެ މުއްދަތަށް މިއަދު ހަތް ދުވަސް އިތުރުކޮށްދީފައިވާ ކަމަށެވެ.

ކަނޑުމަގުން ރާއްޖެއަށް މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު 24 ކިލޯގެ މަސްތުވާތަކެއްތި އެތެރެކޮށްފައި ވަނީ އީރާންގައި ރަޖިސްޓްރީ ކޮށްފައިވާ "ހޮރުމޯޒް" ނަމަކަށް ކިޔާ ބޯޓަކުންނެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދިވެހިންގެ ތެރޭ ފުލުހަކު ވެސް ހިމެނެ އެވެ.

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ބޯޓު އަތުލައިގެންފައި ވަނީ އއ. މަތިވެރި އާއި ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން ޑިންގީއެއްގައި މަސްތުވާތަކެތި ނޭނގޭގޮތަށް ފައިބަރު ޖަހައި ބަންދުކޮށް މަސްދޯންޏެއްގައި އެ ޑިންގީ ހުޅުމާލެއަށް ގެންދިޔަ ތަނުންނެވެ.

އެ ބޯޓުން ރާއްޖެ ގެނެއި މަސްތުވާތަކެތީގެ މަގުމަތީ އަގު 36 މިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އަދި އެއަށް އިތުރު "ޕައުޑާ"ތައް އެއްކޮއްގެން ވިއްކައިފިނަމަ އެ ތަކެތީގެ އަގު 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.