"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ބޯ ހިޔާވަހިކަން ހޯދައިދޭ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ވަކި ގޮތަކަށް ބައްޓަން ކުރެވިފައި ވިޔަސް މާލޭގައި ދިރިއުޅޭ ބޯ ހިޔާވަހިކަން ބޭނުންވާ އެއްވެސް ރައްޔިތެއްގެ މަތިން ސަރުކާރު ހަނދާން ނައްތައި ނުލާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ފްލެޓާއި ގޯތި ދޫކުރުމުގެ ފުރަތަމަ ފިޔަވަހީގެ މައުލޫމާތު ހިމެނޭ ފޮތް، އާންމު ކުރުމަށާއި މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހި ކަމުގެ ދައްޗަކީ ރާއްޖޭގެ ރައްޔިތުން ޒަމާންތަކެއް ވަންދެން ތަހައްމަލު ކުރަމުން އަންނަ އުނދަގުލެއް ކަމަށާއި މާލޭގައި ހާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު އިތުރަށް ފާހަގަކޮށްދެއްވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
~
ރައީސް ނަޝީދު ވިދާޅުވީ ވެރިރަށް މާލޭގެ ތޮއްޖެހުމަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ވިސްނަވަމުން ގެންދެވި ކަމަށާއި އެކަމާ ގުޅޭ ގޮތުން މާލޭގެ ރައްޔިތުންނާއި ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު އެމްޑީޕީން އެކަމަށް ސިޔާސަތުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
"މި ފިޔަވަހީގައި ހިނގާނެ އެންމެ މުހިންމު އެއް މަސައްކަތަކީ މާލޭގެ ރައްޔިތުންގެ ތެރެއިން، މާލޭގެ ދިރިއުޅޭ ރައްޔިތުންގެ ތެރެއިން މާލެއިން ބިންކޮޅެއް ދޫކޮށްލުމަށް އެއްބަސްވާ ރައްޔިތުންނަށް ގޯއްޗެއް ނުވަތަ ފްލެޓެއް ލިބި ދިނުމުގެ ފުރުސަތު ސަރުކާރުން ހަމަޖައްސައި ދެނީ. މީގައި އަޅުގަނޑުމެނަށް ވަރަށް ސާފު މާލޭގައި ދިރިއުޅޭ އެހެން ކިތަންމެ ބައެއް އެބައުޅޭ ބޯހިޔާވަހި ކަމަށް ބޭނުންވެފައިވާ. އެއް ގޮތަކަށް ވެސް ސަރުކާރުން އެފަރާތްތަކުގެ މަތިން ހަނދާން ނެތުނީއަކީ ނޫން. މި ފިޔަވަހި ހިނގަމުންދާއިރު ދެން އަޅުގަނޑުމެނަށް ފަށައިގަނެވޭނީ މާލޭގެ ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ތެރެއިން ބޯ ހިޔާވަހި ކަމަށް ބޭނުންވާ ރައްޔިތުންނަށް ގޯތި ގެދޮރުގެ ފޯރުކޮށް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ހުޅުމާލޭގައި 1000 ފުލެޓް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު މާލޭގައި 500 ފްލެޓް އެޅުމުގެ މަސައްކަތުގެ އެކި މަރުހަލާތައް ނިމެމުން އަންނަ ކަމަށާއި އަދި ގުޅިފަޅު ތަރައްގީވަމުންދަނީ ވަރަށް ބާރަށް ކަމަށެވެ.
މާލޭގެ ތޮއްޖެހުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އާ ވިސްނުމަކާއެކީގައި ނުކުންނަ އިރު ގޮންޖެހުމާ ކުރިމަތިވާނެ ކަމަށާއި ނަމަވެސް އެ މަގުން ހިނގާފައި ގޮސް މާލެ ލުއި ކުރެވޭނެ ކަމަށެވެ.