01 Jul 2014, 15:19
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އާ މިނިސްޓްރީއެއް އުފައްވައި ބަންޑާރަ ނައިބު އޮފީހުގެ މަސްއޫލިއްޔަތުތައް އެ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ލޯ އެންޑް ޖެންޑާ މިނިސްޓްރީ ހިންގަވާނީ ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިއަދު އުފެއްދެވި އާ މިނިސްޓްރީގެ ދަށުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީސް ހިންގާނީ އިދާރީ ވަކި އޮފީހެއްގެ ގޮތުގައި ކަމަށް ވަނީ ނިންމާފަ އެވެ.
ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މިއަދުން ފެށިގެން އަދާކުރަމުން ގެންދާނީ ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ދަށުން ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ އިތުރުން ހެލްތް އެންޑް ޖެންޑާ މިނިސްޓްރީގެ ދަށުން ބަލަހައްޓަމުން ދިޔަ އާއިލާއާ އި ކުޑަކުދިންނާއި، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހައި ކަންތައްތަކާއި އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސް ކުރުމާ ގުޅޭ އެންމެހައި ކަންތައްތަކުގެ އިތުރުން ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ބެލެހެއްޓެވުމުގެ ކަންކަންކުރަމުންދާނީ ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ދަށުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަމައެހެންމެ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަކީ ލޯ އެންޑް ޖެންޑަ މިނިސްޓްރީގެ ދަށުން ހިނގާތަނެއް ކަމަށް ވަނީ ހަމަ ޖައްސާފަ އެވެ.
އާ މިނިސްޓްރީއެއް އުފައްދަވާފައިވާއިރު ރައީސް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އުވާލައްވާލައްވާފަ އެވެ. ސަރުކާރުގައި ޖުމްލަ ހިމެނެނީ 14 މިނިސްޓްރީއެކެވެ.