ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަތަރު ވަނަ ދުވަހާ ހަމައަށް ކޮރެއާގެ ބުސާންގައި ކުރިޔަށްދާ "ބުސާން އިންޓަރނޭޝަނަލް ސީފުޑް އެންޑް ފިޝަރީޒް އެކްސްޕޯ 2014"ގައި ރާއްޖޭގެ ދެ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބުސާންގައި ކުރިޔަށްދާ އެ ފެއާގައި ރާއްޖޭގެ ދެ ކުންފުންޏެއް ކަމަށްވާ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާއި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް ބައިވެރި ވެފައިވާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީ އިން ބުނީ އެފަދަ ފެއާއެއްގައި ބައިވެރިވުމުގެ ބޭނުމަކީ ދިވެހި ރާއްޖޭގެ އިގްތިސޯދުގައި މަސްވެރިކަމުގެ އެކްސްޕޯޓުން ކުރާ ހިއްސާގެ މިންވަރު އިތުރުކުރުމާއި ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް އައު މާކެޓް ހޯދުން ކަމަށެވެ.

ފެއާގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެ ވަޑައިގަންނަވާ އިރު ރާއްޖޭގެ މަހަށް މާކެޓް ހޯދުމަށް ޓަކައި މީގެ ކުރިން ވެސް އެފަދަ ގިނަ ފެއާތަކެއްގައި ފިޝަރީޒް މިނިސްޓަރާއި ރާއްޖޭގެ އެކިއެކި މަސް ކުންފުނިތަކުން ވަނީ ބައިވެރި ވެފަ އެވެ.