އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނަހަދައި އައްޑޫ ސިޓީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކޮށްފައިވާތީ، ރޯޑް ކޯޕަރޭޝަން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ 739،500 ރުފިޔާއިން ކަމަށެވެ. އެ ކުންފުނި ޖޫރިމަނާ ކުރީ މިއަހަރު އައްޑޫގެ މަގުތައް ހެދުމުގައި އީއައިއޭ ހަދާފައި ނުވާތީ އެވެ.

އީޕީއޭއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އެމްއާރުޑީސީ ޖޫރިމަނާ ކޮށްފައި ވަނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނާއި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަލާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތަށް ހުއްދަ ނުހޯދައި އައްޑޫ ސިޓީގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ކޮށްފައިވާތީ ކަމަށެވެ.

"...'ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅިފައިވާ ބަދަލުހޯދުމުގެ ގަވާއިދު 2010' ގައިވާ ގޮތުގެ މަތިން އެމްއާރުޑީސީ ވަނީ 739،500.00 ރުފިޔާއިން ޖޫރިމަނާ ކުރެވިފަ އެވެ،" އީޕީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން، ޖޫރިމަނާކުރި ފައިސާ އިއްޔެއިން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭ އަށް ދައްކާ ހަލާސްކުރުމަށް ވެސް އެމްއާރުޑީސީއަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދަންވާނީ ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހަދައިގެންނެވެ. އަދި "ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަލާ ރިޕޯޓް ހެދުމާއި ބެހޭ ގަވާއިދު 2012" ގައިވާ ގޮތުން މަގުހެދުމުގެ ބޮޑެތި މަޝްރޫއުތައް ފެށުމުގެ ކުރިން އީއައިއޭ ހަދާ ނިންމި ގޮތުގެ ލިޔުން ހޯދަންޖެހެ އެވެ.