ށ. ފޯކައިދޫ އިރުމަތީ ފަރާތުގައި އޮތް ފެރީއަކަށް އަރައި މާރާމާރީ ހިންގި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 24 އަހަރުގެ ފިރިހެނަކާއި އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ށ. އަތޮޅުގައި ދުއްވާ "ފެންޗަރީ" ނަމަކަށް ކިޔާ ފެރީ ފޯކައިދޫ އިރުމަތީ ފަރާތުގައި އޮއްވައި ފެރީ އަށް އަރައި އެފެރީގައި މަސައްކަތް ކުރާ މީހެއްގެ ގައިގާ ބަޔަކު ތަޅައި މާރާމާރީ ހިންގިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ 15:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 19 އަހަރުގެ މީހަކީ މީގެކުރިން ވެސް މާރާމާރީގެ މައްސަލަތަކުގެ ކުށުގެ ރިކޯޑް އޮއްނަ މީހެއް ކަމަށާއި އެ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޮންމެ މީހެއްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއްދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.