ސަފީރުކަމަށާއި ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހަތަރު ނަންފުޅެއް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވައިފި އެވެ.

އެގޮތުން ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ބްރަސަލްސްގައި ހުންނަ، ބެލްޖިއަމްއަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގ . ސަމަންތާ އަލްފާޟިލް އަޙްމަދު ޝިޢާންގެ ނަންފުޅެވެ. އަދި ބްރަސަލްސްއަށް ކަނޑައަޅާ ސަފީރަކީ ލަންޑަން ހައިކޮމިޝަންގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ގ.ވައިޖެހޭގެއާގެ ޑޮކްޓަރު މުޙައްމަދު ޢާޞިމްގެ ނަންފުޅެވެ.

މީގެއިތުރުން ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި ސްޓޭޓް އޮފް ކުވައިތަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް އެމްބެސެޑަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މ. ކުރެސްޓްވުޑް އަލްފާޟިލް ޢަބްދުﷲ ޙަމީދުގެ ނަންފުޅެވެ. އަދި ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މއ. ރެސްޓިންގހައުސް އަލްފާޟިލާ ފާޠިމަތު ޢިނާޔާގެ ނަންފުޅެވެ.