މިދުވަސްވަރު ރާއްޖޭގެ ކަނޑުތަކުގެ މަސްވެރިކަން އާދައިގެ ވަރަކަށް ރަނގަޅު ނަމަވެސް މާރުކޭޓުގައި މަހުގެ އަގު އިންތިހާއަށް މައްޗަށް އުފުލިއްޖެ އެވެ.

މާލޭ މާރުކޭޓުގައި ލިބެން ހުރި މަހުގެ އަގުތަކަށް ބަލާ އިރު، ބަދިގެތަކުގައި އެންމެ ގިނައިން ބޭނުންކުރާ ކަންނެލީގެ އަގު މިއަދު ވަނީ، މީގެ ދެ ހަފްތާ ކުރިއާ އަޅާ ބަލާ އިރު ކިލޯއަކުން ގާތްގަނޑަކަށް 100 ރުފިޔާ މައްޗަށް ގޮސްފަ އެވެ. އެގޮތުން ކުރިން 45 ރުފިޔާ އާއި 50 ރުފިޔާ އާ ދެމެދު ލިބެން ހުރި ކަންނެލި ކިލޯއެއް މިއަދު ބާޒާރުން ލިބެން ހުރީ ކިލޯއެއް 150 ރުފިޔާ އަށެވެ. ވަކިން ކަންނެއްޔެއް 300 ރުފިޔާ އަށް ލިބެން ހުރި އިރު ކުދި ކަންނެލީގެ އަގު ހުރީ، ކުރިއެކޭ އެއްގޮތަށް 100 ރުފިޔާ އާއި 130 އާ ދެމެދުގަ އެވެ.

ބާޒާރުގައި ކަނޑުމަހުގެ އަގަށް ބަލާ އިރު ކުރިން 50 ރުފިޔާ އާއި 70 ރުފިޔާ އާ ދެމެދުގައި ލިބެން ހުރި ފޫޓެއް ވަރުގެ މަހެއް މިއަދު މާރުކޭޓުގައި ލިބެން ހުރީ 150 ރުފިޔާ އާއި 180 ރުފިޔާއާ ދެމެދުގަ އެވެ.

ކަނޑުމަހާއި ކަންނެލީގެ އަގު މައްޗަށް ގޮސްފައިވާ އިރު މުށިމަހާއި ރިންމަހުގެ އަގު ވެސް ވަނީ މީގެ ކުރިޔާ އަޅާ ބަލާއިރު މައްޗަށް ޖެހިލާފަ އެވެ. އެގޮތުން މީގެ ކުރިން 20 ރުފިޔާ އަށް ތިން ރިންމަސް ލިބުނު ނަމަވެސް މިހާރު އާދައިގެ ސައިޒެއްގެ ރިންމަސް ލިބެނީ 10 ރުފިޔާ އަށް އެއް މަހެވެ. އަދި މުށިމަސް ހުރީ 20 ރުފިޔާ އަށް ތިން މަހުގެ މަގުންނެވެ.

ތާޒާ ކަނޑުމަހާއި ކަންނެލި މާރުކޭޓުގައި ގިނަ އަދަދަކަށް ލިބެން ހުރި ނަމަވެސް ލައްޓި އާއި ރާގޮނޑި އަދި ފަރުމަހުގެ ބާވަތްތައް މާރުކޭޓުގައި ލިބެން ނެތްކަން ފާހަގަކޮއްލެވެ އެވެ.

މާރުކޭޓުގައި މަސްވިއްކަން ތިބި ބައެއް މަސްވެރިން ބުނަނީ މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ނަމަވެސް މަހުގެ އަގު މައްޗަށް ގޮސްފައި ވަނީ ރަމަޟާން މަހާ ދިމާވުމުން ކަމަށެވެ.