01 Jul 2014, 13:14
ޓޫރިސްޓުންތަކެއްގެ އަތުން ފޭރެން މަސައްކަތް ކުރި ދެ މީހަކު ފުލުހެއްގެ ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
ފުލުހުން ބުނީ މަޖީދީމަގާއި ސޯސަންމަގު ގުޅުނު ކަންމަތިން މިއަދު 11:20 ހާއިރު، ފިލިޕީންސްގެ ފަތުރުވެރިންތަކެއްގެ އަތްދަބަސް ފޭރިގަންނަން ދެ މީހަކު މަސައްކަތްކޮށްފައިވާ ކަމަށެވެ. ނަމަވެސް އަތްދަބަސް ފޭރިގަންނަން މަސައްކަތްކޮށް އެކަން ކާމިޔާބުނުވުމުން، ފުލުހުންނަށް ފިލަން ދުއްވި އެ ދެމީހުންގެ ސައިކަލު ތެލެސީމިއާ ސެންޓަރު ކައިރިން އެކްސިޑެންޓް ވެފައި ވަނީ އެ ސަރަހައްދުން ކުލަހެދުމުގައި ދުއްވާފައި ދިޔަ ފުލުހެއްގެ ސައިކަލެއްގަ ޖެހިގެން ކަމަށެވެ.
ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއްވެފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި މާރާމާރީ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.