09 Jan 2011, 14:11
ޑިސެމްބަރު މަހު ކުރީ ކޮޅު ބީބީސީގެ ހާޑް ޓޯކްސްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރާއްޖޭގެ މަސްރަހުގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން ޖަވާބު ދެއްވާފައި ވަނީ، ހަގީގަތް އޮޅޭ ގޮތަށް، އިތުރުފުޅު ހައްދަވައިގެން ކަމަށް ބުނެ، އެކަންތައްތައް ފާހަގަކޮށް ގައުމީ ޕާޓީން ރިޕޯޓެއް އެކުލަވާލައި ނެރިފި އެވެ.
ގައުމީ ޕާޓީގެ ނާއިބު ރައީސް އަބުދުލްމަތީން ވިދާޅުވީ، އެ ރިޕޯޓަކީ ހާޑް ޓޯކްސްގައި ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުގައި ހިމެނޭ ހަގީގަތާ ހިލާފް ވާހަކަތަކާއި އޮޅުންއަރާފައިވާ ގޮތަށް ދައްކަވާފައިވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓްގައި އެމަނިކުފާނު ހައްދަވާފައިވާ އިތުރުފުޅުތައް ފާހަގަކޮށް އެކަމުގެ ހަގީގަތްތައް ހާމަކޮށްފައިވާނެ ކަމަށް ވެސް މަތީނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި ދައުލަތުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ރާއްޖެ އިން ބޭރަށް ވަޑައިގެން ދުނިޔޭގެ މަޝްހޫރު މީޑިއާއެއްގައި ވާހަކަފުޅު ދައްކަވާ އިރު، ދައުލަތުގެ ކަންކަމާ ބެހޭ ގޮތުން ދައްކަވާ ވާހަކާގައި ދައްކަވަން ޖެހެނީ، ތެދު ހަގީގަތް. އިތުރުފުޅު ހައްދަވައިގެން ނުވާނެ. މައިގަނޑު ގޮތެއްގައި މި ރިޕޯޓްގައި އެކުލާލާފައި ވާނީ ގުއަންޓަނާމޯބޭ ޖަލުން މީހުން ގެނައުމުގެ ކަންތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސަރުކާރުން ދުއްތުރާ ކުރަމުންދާ ކަންތައްތަކާއި މީޑިޔާގެ މިނިވަންކަން އޮތްވަރާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ކަންތައް. އަދި ކުރީގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންނާ މެދު ރައީސް ނަޝީދުގެ ވިސްނުންފުޅު ހުންނަގޮތާއި ދައުލަތުގެ ބަޖެޓާ ބެހޭ ގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކާއި މަތިބަރު ސަރުކާރުގެ ވާހަކަތަކާއި ރާއްޖޭގެ ތިމާވެށީގެ ހާލަތާ ބެހޭ ގޮތުންނާއި ރައްޔިތުންނަށް އިތުރު ދިމާލަކުން ދިރިއުޅެވޭނެ ފަދަ ގޮތެއް ހަމަޖެއްސެވުމާ ބެހޭ ގޮތުން ރައީސް ނަޝީދު ދައްކަވާފައިވާ، ހަގީގަތާ ހިލާފު ވާހަކަފުޅުތަކާއި އޮޅުން އަރާފައިވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން މި ރިޕޯޓް އެކުލަވާލާފައި ވަނީ،" މަތީން ވިދާޅުވި އެވެ.
މަތީނު ވިދާޅުވީ ހަގީގަތް ހާމަ ކުރުމުގެ ގޮތުން އެ ރިޕޯޓް ގައުމުތަކުގެ އެންބަސީތަކަށާއި ބައިނަލް އަބުވާމީ މުހިއްމު ޖަމިއްޔާތަކަށް ފޮނުއްވާނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކުރެއްވުމަށް ޓަކައި މީޑިޔާ މެދުވެރި ކުރައްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މަތީނު ވިދާޅުވި އެވެ.
ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި އެއް ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ލިއުއްވާފައިވާ އެ ފޮތުގައި ވާގޮތުން، ގުއަންތަނާމޯބޭ ޖަލުން ގައިދީންތަކެއް ރާއްޖެ ގެނައުމަށް ރައީސް ނަޝީދު ނިންމަވާފައި ވަނީ މާލީ އެހީތެރިކަން ބޭނުންފުޅުވެގެން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯއްދެވުމަށް މަޖިލީހުގެ މެންބަރުންނަށް އެކި ގޮތްގޮތަށް ދުއްތުރާ ކުރައްވަމުން ގެންދަވާކަން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން މީޑިޔާގެ މިނިވަންކަން ނުދިނުމަށް، މީޑިޔާއަށް ނުފޫޒު ފޯރުވުމަށްޓަކައި ބައެއް ސްޓޭޝަންތަކާދެކޮޅަށް ފިޔަވަޅު އަޅައި ނުވަ ނޫސްވެރިއަކަށް ސަރުކާރުން އަނިޔާކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވާނީ ފާހަގަ ކޮށްފަ އެވެ. އަދި ސަރުކާރުން ވިޔަފާރި ނުކުރާނެ ކަމަށް ކުރިން ވިދާޅުވެފައިވާ އިރު މި ސަރުކާރަށް ވެފައިވާ ދެ އަހަރުގެ މުއްދަތުގައި 28 ކުންފުނި އުފައްދަވައި ގާނޫނުގައި ބުނާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ނޭނގި ބައެއް ކުންފުނިތަކަށް ފައިސާ ހަރަދު ކުރައްވާފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި މި ސަރުކާރަކީ މަތިބަރު ސަރުކާރެއް ކަމަށާއި ކުރި ސަރުކާރަށް ވުރެ މިސަރުކާރުގެ ސިޔާސީ މަގާމުތައް އެތައް ގުނައަކަށް އިތުރުވެފައިވާ ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ސިޔާސީ ފަރާތްތަކަށް ބިރުދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަން ފާހަގަކޮށް، އިދިކޮޅު ޕީއޭގެ ރައީސް އަބުދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމު އިބްރާހިމް ގާނޫނާ ހިލާފަށް ހައްޔަރުކުރެއްވިކަން ވެސް އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.