01 Jul 2014, 12:38
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ އިނާމު ކޮމެޓީގެ ރައީސް ޑރ. އަބްދުލްމުހްސިން މުހައްމަދު ވިދާޅުވީ މި އަހަރު އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު ދާއިރާއަކުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިނާމު މިފަހަރު ދިނުމަށް ހަމަޖެހިފައި ވަނީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކަށާއި ބައިނަލްއަގްވާމީ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތަކަށާއި މަސައްކަތާއި އުފެއްދުންތެރިކަމުން އާދަޔަ ހިލާފު ކާމިޔާބީއެއް ހާސިލް ކުރާ ފަރާތްތަކަށާއި ސަރުކާރުން ކަނޑައަޅާ ފެންވަރަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށެވެ.
ޑރ. މުހްސިން ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ގިންތިން ހަތަރު ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ހަތަރު ގިންތިއަކީ "ދިވެހި ބަހުގެ ބަހުރުވަތަކުގެ އަދަބީ ބަސް" ފޮތް ލިޔުމުގެ މުބާރާތާއި ދިވެހި ތާރީހާ ގުޅޭ ގޮތުން ލިޔެފައިވާ ވާހަކަތައް އަސްލަކަށް ބަލައިގެން ކުރަހާ ކުރެހުންތަކާއި ކާބަފައިންގެ މަސައްކަތްތެރިކަން ދައްކުވައިވޭ މިނިއޭޗާ އުފެއްދުންތަކާއި ކުނަލާއި ކުނަލުން ތަކެތި އުފެއްދުމެވެ.
ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމަށް އިނާމު ދޭ އިރު ހަތަރު ގިންތިއަކަށް ބަހާލައިގެން މި އިނާމު ދޭ އިރު އެއިން ކޮންމެ ދާއިރާއެއް ވެސް ބަލަހައްޓައި ކުރިއަށްގެންދާނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކަމަށް ޑރ. މުހްސިން ވިދާޅުވި އެވެ.
އިނާމުގެ ކަންތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ އިދާރާތަކަކީ ދިވެހި ބަހުގެ އެކަޑަމީ އާއި ނެޝަނަލް ސެންޓާ ފޯ ދި އާޓްސް އާއި ޑިޕާޓްމަންޓް އޮފް ހެރިޓޭޖް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ދިނުމަށް ހަމަޖައްސާފައިވާ އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި އަންނަ ސެޕްޓެމްބަރު 15، ހަމައަށް ހުޅުވާލާފައި އޮންނައިރު އިނާމު ހައްގުވާ ކޮންމެ ފަރާތަކަށް އިނާމު ދޭނެ ކަމަށް އިނާމު ކޮމެޓީން ބުނެ އެވެ.