ހޯމް މިނިސްޓަރު އުމަރު ނަސީރު މައްޗަށް ދައުލަތުން އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން އުޅުނު ޝަރީއަތް ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލަވަމުންގެންދެވި ގާޒީ ބަދަލުކުރުމަށް އުމަރު ނަސީރު އެދިވަޑައިގެންފައި ވާތީ އެކަމަށް އަދި ގޮތެއް ނުނިމިގެން ކަމަށެވެ. އުމަރުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ބާއްވަން ތަވާލުކޮށްފައި އޮތީ 12:00 ގަ އެވެ.

އުމަރުގެ މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އަބްދުﷲ ދީދީ ބަދަލު ކޮށްދެއްވުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށާއި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިނަށް އުމަރުގެ ފަރާތުން ސިޓީ ފުޅެއް ވަނީ ފޮނުއްވައިފ އެވެ.

އުމަރުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުނާފުގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި 50 ހަރުގަނޑު ބޭނުންކޮށްގެން ސިފައިންގެ މައި އިދާރާ ތެރެއަށް ވަނުމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވާފައި ވާތީ އެވެ. އެ މައްސަލާގައި ދައުލަތުން ވަނީ އުމަރު ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ ހުށަހަޅާފަ އެވެ.