މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 518،166 އަށް އަރައި މިދިޔަ އަހަރަށް ވުރެ 11.9 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ފަސް މަހުގެ ތެރޭގައި ރާއްޖެ އަށް 518،166 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 463,174 ޓޫރިސްޓުންނެވެ. އެހެން ކަމުން މިއީ 11.9 ޕަސެންޓްގެ އިތުރުވުމެކެވެ.

މެއި މަހު އެކަނި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 91,296 އަށް އަރައިފަ އެވެ. އެއީ މިދިޔަ އަހަރު އެ މަހު ރާއްޖެ އައި ޓޫރިސްޓުންނަށް ވުރެ 14.9 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ފަސް މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔޫރަޕް ސަރަހައްދުންނެވެ. އެގޮތުން އެސަރަހައްދުން 253,602 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އިރު އެއީ 0.7 ޕަސެންޓްގެ ކުރިއެރުމެކެވެ. ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ އޭޝިއާ ސަރަހައްދުން ރާއްޖެ އަަށް 229,847 ޓޫރިސްޓުން އައިސްފައިވާ އިރު އެއީ 24.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެމެރިކާ ސަރަހައްދުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 17,470 އަށް އަރައި 32 ޕަސެންޓް އިތުރުވެފައިވެ އެވެ.

މި އަހަރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން ރާއްޖެ އަށް 141,249 ޓޫރިސްޓުން އައިސްފައިވެ އެވެ.