01 Jul 2014, 12:23
އައްޑޫ ސިޓީ މަރަދޫ ސްކޫލަށް ދެ ކްލާސްރޫމް އަންނަ އަހަރު އިތުރުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހަށް އެޑިޔުކޭޝަން މިނިސްޓަރު ހާޒިރުކޮށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަރަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިތުރު ދެ ކްލްސާރޫމް އެޅުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތަށް ހަތް ލައްކަ ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ސްކޫލް [މަރަދޫ ސްކޫލް]ގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުން. އަދި މިއަންނަ އަހަރުގެ ބަޖެޓް ބޭނުންކޮށްގެން ވެސް މި މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި. މީގެ ތެރޭގައި އެ ދެ ކްލާސްރޫމް އިތުރުކުރުން ހިމެނޭ. މި މަސައްކަތަށް ގާތްގަނޑަކަށް ހަތް ލައްކަ ރުފިޔާ ހޭދަކުރެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މަރަދޫ ސްކޫލް ކުދިން ކިޔަވާނެ ލައިބްރަރީ ފޮތް ހޯދުމަށް ފައިސާ އެ ސްކޫލަށް މި އަހަރު ހަމަޖައްސާދީފައިވާނެ ކަމަށާއި އަދި ކަބަޑް އަދި ފަރުނީޗަރު ހޯދުމަށް މިހާރު ކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ހަމަ އެހެންމެ އެ ސްކޫލްގެ އޮފީސް ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ޖާގަ ބޮޑުކުރުމަށާއި ދެ ފާހަނަ އިތުރުކުރުމަށް ހުއްދަ ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަރަދޫ ސްކޫލުގައި މި އަހަރު އަލަށް ފަސް ކްލާސްރޫމެއްގައި ކިޔަވަދޭން ފަށައި އެ ސްކޫލް ވަނީ އެއްދަންފަޅި އަށް ބަދަލުކޮށްފަ އެވެ. އެކަމަށް ދައުލަތުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސްކޫލްތަކަށް ބޭނުންވާ ޕްރިންސިޕަލުން ނެތުމުގެ ދަތިކަން ދިމާވެފައިވާ ކަމަށާއި އެކަން ހައްލު ކުރުމަށް ޕްރިސިޕަލުން ތަމްރީން ކުރުމުގެ ޕޮރްގުރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.