01 Jul 2014, 12:15
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓެރީކަމުގެ މަގާމުން ޑރ. އަތާއުﷲ އަހުމަދު ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޑރ. އަތާއުﷲ އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ.
ޑރ. އަތާއު ވިދާޅުވީ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީގެ ފުލްޓައިމް ލެކްޗަރާއަކަށް ވެވަޑައިގެންނެވުމަށެވެ.
އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކްއީންސްލޭންޑުން ޕޮލިޓިކަލް ސައިންސް އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ޑރ. އަތާއުﷲ އަކީ ގައުމީ ޔުނިވާސިޓީ މިހާރު ވެސް ޕޮލިޓިކަލް ސައިންސް ކޯހުގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމުގެ މަގާމަށް ޑރ. އަތާއުﷲ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަންކުރެއްވީ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ.
ޑރ. އަތާއުﷲ އަކީ 1998 ވަނަ އަހަރު ހާރިޖީ ދާއިރާއާ ގުޅިވަޑައިގެން އެ ދާއިރާގެ އެކި މަގާމުތަކުގައި ހިދުމަތް ކުރައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑެސްކް އޮފިސަރުކަމާއި އެސިސްޓެންޓް ޑިރެކްޓަރު ކަމާއި ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވާފައިވެ އެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަންގަޔާއި ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ވެސް ހިދުމަތް ކުރައްވާފައިވެ އެވެ.