ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތުކުރެވޭ ބަދުއަހުލާގީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ މައްސަލަ އާ ގުޅިގެން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 62 މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އިރު، އެ މައްސަލަ އަށް ބަހުސްކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 18 މެމްބަރުންނެވެ. މައްސަލައަށް ބަހުސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 44 މެމްބަރަކު ވޯޓު ދެއްވި އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން އިމްތިޔާޒު ވިދާޅުވީ އަލީ ހަމީދުގެ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމި ނިންމުމަކީ އެއީ އިންސާފަށް އެޅުނު ހުރަހެއް ކަމަށެވެ. އަދި އެ މައްސަލަ އަލީ ހަމީދުގެ މައްޗަށް ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ އަދުލް އިންސާފުގެ ދާއިރާގައި ތާއަބަދަށް ދެމިގެންދާ ގޮތަށް ޖެހުނު "ލައްގަނޑެއް" ކަމަށެވެ.

އިންތި ވިދާޅުވީ ޖޭއެސްސީން އަލީ ހަމީދުގެ މައްސަލަ ނިންމި ގޮތުގެ ސަބަބުން ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިފައިވާ ކަަމަށާއި އަދި ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމާ އެކު ޝަރީއަތް ހިންގުމުގެ މަޙްފޫމް ވެސް ގެއްލިފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ކުއްލި މައްސަލަ އެއް ހުށަހެޅިއްޖެ ނަމަ އެމައްސަލައަކަށް ބަހުސް ކުރުމުގެ ފުރުސަތު ލިބެނީ މަޖިލީހަށް އެމައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނަގާ ވޯޓްގެ އަގުލަބިއްޔަތު ލިބިގެންނެވެ.