ބޭންކް އޮފް މޯލްޑިވްސްް (ބީއެމްއެލް) އިން ސަރުކާރުގެ އިލެކްޓްރިކް ކުންފުނި ސްޓޭޓް އިލިކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯވަ ޑްރާފްޓް ފެސިލިޓީ (އޯޑީ) ގެ މުއްދަތު އިތުރު ކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި އެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ 50 މިލިއަން ރުފިޔާގެ އޯޑީގެ މުއްދަތު އިތުރުކުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މާލީއްޔަތު ކޮމެޓީ އަށް ފޮނުވާފައި ވަނީ މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގަ އެވެ.

އެ ލޯނަށް ސަރުކާރުން ފުރަތަމަ ގެރެންޓީ ދީފައި ވަނީ ސެޕްޓެމްބަރު 1، 2009ގައި މަޖިލީހުން ފާސްކޮށްގެންނެވެ.
ނަމަވެސް އެ ގެރެންޓީގެ މުއްދަތު މިދިޔަ އަހަރުގެ މާޗް 31 އަށް ހަމަވުމުން އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުށަހަޅުއްވައިގެން މަޖިލީހުން ވަނީ އެ ލޯނުގެ ގެރެންޓީ މިއަހަރުގެ 31 އިތުރުކޮށްފަ އެވެ. މަޖިލީހުން ދީފައިވާ މުއްދަތު ފަހަނައަޅައިފައި ވާތީ، އެ މުއްދަތު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އިތުރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވަނީ މިއަދު މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ސްޓެލްކޯގެ 50 މިލިއަން ރުފިޔާގެ އޯޑީގެ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ރައީސް ޔާމިން ހުށަހެޅުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލިއްޔަތު ގާނޫނުގެ ދަށުން ސަރުކާރުން ދީފައިވާ ގެރެންޓީގެ މުއްދަތު އިތުރު ކުރަން ހުށަހެޅީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިން ކަމަށެވެ.

ރައީސް ފޮނުއްވެވި ސިޓި މަޖިލީހަށް އިއްވެވުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ނިންމަވާފައި ވަނީ އެ މައްސަލަ މާލިއްޔަތު ކޮމެޓީއަށް ފޮނުވުމަށެވެ.