ސޮނީ ހާޑްވެއާ އިން ހިންގި އެއް މިލިޔަން ލަކީ ޑުރޯގެ ގުރުއަތުން ހޮވުނު ކޫޕަން ދިމާކުރީ އދ. ހަންޏާމީދޫ ބުލޫހެވަން އަބްދުއްސަލާމް،22، ކަމަށް މިއަދު ސޮނީން މިއަދު އިއުލާންކޮށްފި އެވެ.

ސޮނީ ހާޑްވެއާ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެމްއެންބީސީ އާއި ދި ޓީވީން ލައިވްކޮށް ގެނެސްދިން ޕުރޮމޯޝަނުގެ ގުރުއަތުން ނެގުނު 00519790ގެ ކޫޕަން ނަމްބަރުގެ ވެރިފަރާތަށް އެއް މިލިއަން ރުފިޔާ ހަވާލުކުރާނީ އަންނަ ބުދަ ދުވަހުގެ ރޭ ނަސަންދުރާ ޕެލެސްހޮޓެލްގައި ބާއްވާ ހާއްސަ ހަފްލާއެއްގައި ކަމަށެވެ.

ސޮނީ ހާޑްވެއާގެ މާކެޓިންގެ ފަރާތުން ވާހަކަ ދެއްކެވި އަހުމަދު އަންވަރު މިއަދު ވިދާޅުވީ އެއް މިލިއަން ރުފިޔާގެ ހައްގުވެރިޔާ ހޮވުމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާކަމަށާއި އެ ހައްގުވެރިޔާގެ ނަން އާންމު ކުރީ މައުލޫމާތު ސައްހަ ކުރުމަށް ފަހު ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ކޫޕަންގައި، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ހޮލޯގްރާމެއް ހިމަނާފައިވެ އެވެ.
ވިޔަފާރީގެ ޕުރޮމޯޝަނެއްގައި ދެވޭ އެންމެ އަގުބޮޑު އިނާމާ އެކު ސޮނީހާޑްވެއާ އިން އެއް މިލިއަން ރުފިޔާގެ ޕުރޮމޯޝަން ކުރިއަށް ގެންދާ މިއީ ދެ ވަނަ ފަހަރެވެ. އެގޮތުން 2008 ވަނަ އަހަރު އެއް މިލިއަން ރުފިޔާ ލިބުނީ ޕަބްލިކް ވޯކްސްގެ ސީނިއާ ސުޕަވައިޒަރެއްގެ މަގާމުގައި ހުންނެވި އުމުރުން 28 އަހަރުގެ މުހަންމަދު ރިޝާން އިލްޔާސް ، މ. ނަކާ އަށެވެ.

މިދިޔަ އަހަރުގެ ޖުލައި 15 އިން ޑިސެމްބަރު 15 ގެ ނިޔަލަށް ސޮނީ ހާޑްވެއާ އިން ކުރިއަށް ގެންދިޔަ އެ ޕުރޮމޯޝަންގައި ސޮނީ ހާޑްވެއާގެ ފިހާރަތަކުން 200ރ. އިން މަތީގެ ވިޔަފާރިއެއް ކުރި ކޮންމެ ފަރާތަކަށް ވެސް ކޫޕަނެއް ދިނެވެ. މިފަހަރުގެ ޕްރޮމޯޝަންގައި އެކި ދުވަސް މަތިން އެ އަދަދު ހަމަކޮށްގެން ކޫޕަން ހޯދުމުގެ ފުރުސަތު ވެސް އޮތެވެ.

ސޮނީ ހާޑްވެއާއަކީ މީގެ 40 އަހަރު ކުރިން އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ފަށައިގަތް ވިޔަފާރިއެކެވެ. ރާއްޖޭގެ ވިޔަފާރީގައި އެންމެ ކާމިޔާބު އެއް ނަމަކީ ސޮނީ އެވެ.