01 Jul 2014, 11:06
ވޯލްޑް ކްޕުގެ ގަދަ 16 ގައި އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗަކީ މި މުބާރާތަށް ފަހު، ކޯޗުކަމުން ރިޓަޔާ ކުރަން ނިންމާފައިވާ ސްވިޒަލޭންޑް ކޯޗު އޮޓްމާ ހިޓްޒްފެލްޑްގެ އެންމެ ފަހު މެޗު ނޫން ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 65 އަހަރުގެ ކޯޗު ރިޓަޔާކުރަން ނިންމާފައި ވަނީ ސްވިޒަލޭންޑް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހު އެވެ. މިރޭ އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، ސްވިލޭންޑަށް ކުއާޓާ ފައިނަލަށް ދަތުރުކުރެވޭނެ ކަމަށް ހިޓްޒްފެލްޑް ގަބޫލުކުރެ އެވެ.
"އަހަރެން ތައްޔާރުވަނީ އަހަރެމެންނަށް ކުރިއަށް ދެވޭނެ ގޮތެއް ބަލައިގެން. އަހަރެން މިހުރީ ކުރިއަށް އޮތް ބޮޑު މެޗަށް ކެތްމަދުވެފައި،" އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޖަރުމަނަށް ނިސްބަތްވާ ކޯޗު ބުންޏެވެ.
"ގައުމީ ޓީމު ކުޅުންތެރިންނާއި މުވައްޒަފުން އެއްވެ، އަހަރެމެން ވާނީ ކުރިއަށް ދެވޭނެ ގޮތަކާއި މެދު ވިސްނައިފަ. މިއީ އަހަރެންގެ އެންމެ ފަހު މެޗެއް ނޫން."
ހިޓްޒްފެލްޑް ބުނީ، މި މުބާރާތުގައި ތިން މެޗުން ހަތަރު ލަނޑު ކާމިޔާބުކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހުއްޓުވަން ކޮންމެ ޓީމެއްގެ ޑިފެންސަށް ވެސް އުނދަގޫ ވާނެ ކަމަށާއި މެސީ ހުއްޓުވަން ތިބި ޑިފެންޑަރުންނަށް އިތުބާރުކުރާ ކަމަށެވެ.
ގަދަ 16ގައި އާޖެންޓީނާއާ ދެކޮޅަށް ސްވިޒަލޭންޑް ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ. މި މެޗު ކުޅޭނީ ބްރެޒިލްގެ ސައޯ ޕޯލޯގެ އެރީނާ ކޮރިންތިއަންސްގަ އެވެ.