ރޯދަޔަށް އެންމެ ހާއްސަ ބާވަތް ކަމުގައިވާ ކަރަލުގެ އަގު ބައެއް ގޮޅިތަކުން ދަށަށް ގޮސްފި އެވެ.

ދަތުރުވެރިންގެ މާރުކޭޓަށް ބަލާ އިރު މަދު ގޮޅިތަކަކުން ދަނީ ކަރާ ކިލޯއެއް 15 ރުފިޔާ އަށް ވިއްކަމުންނެވެ. އާންމުގޮތެއްގައި ކަރާ ކިލޯއެއް ވިއްކަން ހުރީ 18 ރުފިޔާ އަށެވެ.

މާރުކޭޓްގައި ކަރާ ވިއްކަން އިން ވިޔަފާރިވެރިއެއް ކަމަށްވާ އާދަމް އިބްރާހިމް ބުނި ގޮތުގައި މާލޭގެ ބާޒާރުގައި ކަރާގެ އަގު މާ ބޮޑުތަން ދަށަށް ދާނެ ކަމަށް ނުބެލެވެ އެވެ. ސަބަބަކަށް އޭނާ ބުނީ މިފަހަރު މާލޭ ބާޒާރުގައި ވިއްކަން ހުރި ކަރާގެ ނިސްބަތް މަދުކަމުން ކަމަށެވެ.

ކާށިދޫ ދަނޑުވެރިޔަކު ބުނީ މަދު ގޮޅިތަކަކުން ކަރާ ކިލޯއެއްގެ އަގު 15 ރުފިޔާ އަށް ވިއްކާ އިރު އެއަށް ވުރެ ކަރާގެ އަގު މި ރޯދަ މަހު ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރޯދަ މަސް ފެށުނު އިރު ބާޒާރުގައި ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާ އަށެވެ.