01 Jul 2014, 11:00
ވޯލްޑް ކަޕުގެ ރަން ބޫޓު ހޯދާނީ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކަމަށް އެ ޓީމުގެ މިޑްފީލްޑަރު އެންޖެލް ޑި މަރީއާ ބުނެފި އެވެ.
ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކެޕްޓަން މެސީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައި ނުވި ނަމަވެސް ބޮސްނިއާ އެންޑް ހެރްޒެގޮވީނާއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ވެސް އާޖެންޓީނާ އަށް ތިން ޕޮއިންޓް ކަށަވަރުވި ލަނޑު ފެނިގެންދިޔައީ މެސީގެ ފަރާތުންނެވެ. އަދި ހަމަ އޮގަތަށް ގްރޫޕް ސްޓޫޖުގައި އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާ އަށް ތިން ޕޮއިންޓް ކަށަވަރުވި ލަނޑު ކާމިޔާބުކުރީ މެސީ އެވެ.
މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ކޮލަމްބިއާގެ ޒުވާން ފޯވަޑް ޖޭމްސް ރޮޑްރިގޭޒެވެ. މުބާރާތުގައި އޭނާ ފަސް ލަނޑު ކާމިޔާބުކޮށްފައިވާ އިރު، މެސީ އަށް ކާމިޔާބުކުރެވިފައި ވަނީ ހަތަރު ލަނޑެވެ.
"މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ،" 'މާކާ' އަށް ދިން އިންޓަވިއުއެއްގައި ޑި މަރީއާ ބުންޏެވެ. "އޭނާ ކުރާ އެއްވެސް ކަމެއް އެހެން ކުޅުންތެރިއަކަށް ނުކުރެވޭނެ. އަހަރެމެންގެ ޓީމުގައި މެސީ ހުރުމަކީ އަހަރެމެންގެ ނަސީބު. ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖަހާނީ މެސީ."
ވޯލްޑް ކަޕުގައި މިހާތަނަށް ކުޅުނު މެޗުތަކުން އާޖެންޓީނާ މޮޅުވެފައި ވަނީ ހަނި ތަފާތުތަކުންނެވެ. މިކަމާއި ގުޅޭ ގޮތުން ޑި މަރީއާ ބުނީ، އެ ޓީމުން ދަނީ ދަށް ލެވެލް އަކަށް ފަހު މަތީ ލެވެލްއަކަށް އަރަމުން ކަމަށާއި އަދި އެ ޓީމުގެ އެންމެ ރަނގަޅު ފެންވަރު ނުފެންނަނީ ކަމަށެވެ.
މި މުބާރާތުގެ ގަދަ 16ގައި އާޖެންޓީނާ ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ބްރެޒިލްގެ ސައޯ ޕޯލޯގެ އެރީނާ ކޮރިންތިއަންސްގައި ކުޅޭ މި މެޗަށް އާޖެންޓީނާ ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގަ އެވެ.