ވޯލްޑް ކަޕުގެ ގަދަ 16 ގައި ފްރާންސް އަތުން 2-0 ލަނޑުން ބަލިވެ، މުބާރާތުން ނައިޖީރިއާ ކެޓުމާ އެކު މެޗުގެ ރެފްރީ މާކް ގެއިގާ އަށް ނައިޖީރިއާގެ ކޯޗު ސްޓެފަން ކެޝީ ފާޑު ކިޔައިފި އެވެ.

ގަދަ 16ގައި ރޭ ފްރާންސްގެ އޮލިވާ ޖިރޫގެ އޮޅަނބޮށިން ނައިޖީރިއާގެ ޖޯން އޮބި މިކެލް އަށް ހަމަލާ ދިން އިރު ރެފްރީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އަދި ނައިޖީރިއާގެ އޮގެންޔީ އޮނާޒީ އަށް ފްރާންސް ބައލިސޭ މަޓުއިޑީ ދަށްފައިން ފައުލް ކުރުމާ ގުޅިގެން ރަތް ކާޑުގެ ބަދަލުގައި ރެފްރީ ދައްކާފައި ވަނީ ރީނދޫ ކާޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނައިޖީރިއާގެ އެމަނުއެލް އެމެނިކޭ ކާމިޔާބުކުރި ލަނޑު އޮފްސައިޑް ކަމަށް ރެފްރީ ދެއްކި ނަމަވެސް، ވީޑިއޯ ރީޕްލޭތަކުން ދައްކަނީ އެއީ އޮފްސައިޑް ލަނޑެއް ނޫން ކަމަށެވެ.

"މެޗުގައި ރެފްރީގެ ފަރާތުން ގިނަ ކުށްތަކެއް ފެނިގެން ދިޔަ. މިއީ ސުވާލު އުފެދޭ ކަންކަން. އަހަރެން މިހިރީ އެއްގޮތަކަށް ވެސް ހިތްހަމަޖެހިފައެއް ނޫން،" މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އުމުރުން 52 އަހަރުގެ ކެޝީ ބުންޏެވެ. "އޮނާޒީ އަށް ނުރައްކާތެރި ދެ ފައުލެއް ކުރި. މިހާރު އަނިޔާގައި ހުރި އޮނާޒީ އަށް ކުރި ފައުލާ ގުޅިގެން ރެފްރީ އެއްވެސް އަދަބެއް ދީފައެއް ނުވޭ."

ކެޝީ ބުނީ، މިގޮތަށް ބަލިވެގެން ދާން ޖެހުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިގޮތަށް ބަލިވެގެން ދިއުން ހައްގު ނޫން ކަމަށެވެ. އެހެން ނަމަވެސް ފުޓްބޯޅައިގައި މި ކަހަލަ ކަންތައްތައް ދިމާވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނައިޖީރިއާ އަތުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކުރި ފްރާންސް ދެން ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ.