ވޯލްޑް ކަޕްގެ ގަދަ 16ގައި ނައިޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި އޮގެންޔީ އޮނާޒީ އަށް ފްރާންސްގެ ބްލައިސޭ މަޓުއިޑީ ކުރި ނުރައްކާތެރި ފައުލަށް އޭނާ މައާފަށް އެދިއްޖެ އެވެ.

ނައިޖީރިއާ އަތުން ރޭ 2-0 ލަނޑުން މޮޅުވެ، ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗުގައި ލާޒިއޯ އަށް ކުޅޭ އޮނާޒީ އަށް މަޓުއިޑީ ހަމަލާ ދީފައި ވަނީ ދަށް ފައި ދިއްކޮށްގެންނެވެ. ނަމަވެސް މި ހަމަލާގެ ސަބަބުން ރަތް ކާޑެއްގެ ބަދަލުގައި މަޓުއިޑީ އަށް ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. މި ހަމަލާއާ ގުޅިގެން އޮނާޒީ އަށް ވަނީ އަނިޔާވެ، މެޗުގައި އިތުރަށް ކުޅެވޭގޮތެއް ނުވެފަ އެވެ.

"އަހަރެން މައާފަށް އެދެން،" މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މަޓުއިޑީ ބުންޏެވެ. "އެއީ އަހަރެން ގަސްތުގައި އޭނާ އަނިޔާކޮށްލުމަށް ކުރި ކަމެއް ނޫން. އަހަރެންނަކީ އެހާ ހަޑި ކަމެއް ކުރަން ބޭނުންވާ މީހެއް ވެސް ނޫން. މެޗަށް ފަހު ނައިޖީރިއާގެ ޑްރެސިންގް ރޫމަށް ގޮސް އަހަރެން މައާފަށް އެދުނިން،"

ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވީ، މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ޕޯލް ޕޮގްބާ ކާމިޔާބުކުރި ލަނޑާއި ޖޯސެފް ޔޯބޯ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު އެވެ. މި މެޗުގައި ފްރާންސް ކުޅުންތެރިން ދެއްކި ކުޅުމަށް މަޓުއިޑީ ވަނީ ތައުރީފްކޮށްފަ އެވެ.

"އަހަރެމެންނާއެކު ތަޖުރިބާ ތިބި ގިނަ ކުޅުންތެރިންތަކެއް ނެތް. އަހަރެމެން އަތުގައި އޮތް އެއްޗަކީ ހިތާއި ސުކުނޑި،" އޭނާ ބުންޏެވެ. "އަހަރެމެން ކުއާޓާ އަށް ދަތުރުކުރި ސަބަބަކީ ވެސް އެއީ. ޕޯލް ޕޮގްބާ އަކީ ފާގަތި ކުރިމަގެއް އޮތް ކުޅުންތެރިއެއް ކަން އޭނާ ދައްކުވައިދީފި."

ނައިޖީރިއާ އަތުން މޮޅުވެ، ކުއާޓާ އަށް ދަތުރުކުރި ފްރާންސް ދެން ނުކުންނަން ޖެހޭނީ ޖަރުމަނާ ދެކޮޅަށެވެ. އެ މެޗަށް ފްރާންސް ނުކުންނަން ޖެހޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ.