ޓެލްއަވީވް (ޖުލައި 1): މިދިޔަ ޖޫން މަހު ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު އިސްރާއީލުގެ ތިން ޒުވާނުން ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައިވަނިކޮށް ފެނުމާ ގުޅިގެން އިސްރާއީލުން ފަލަސްތީނުގެ ހިފާފައިވާ ބިންތަކުގެ އެކިކަންކޮޅުތަކަށް ވައިގެ ވަރުގަދަ ޙަމަލާތަކެއް ރޭ ދީފި އެވެ.

އިސްރާއީލުގެ 30 އަށް ވުރެ ގިނަ ވައިގެ ހަމަލާތައް ރޭ ހާރުދަމުގެ ވަގުތަކުގައި ދީފައިވާ އިރު މި ހަމަލާތަކުގެ 99 ޕަސެންޓް އަމާޒުކޮށްފައި ވަނީ ޣައްޒާ އަށެވެ. ޣަައްޒާއަކީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ގިނަ ޖަމާއަތްތަކުގެ މަރުކަޒުތައް ހުންނަ ސަރަހައްދެވެ. އިސްރާއީލުގެ މިޙަަމަލާތަކުގައި ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުވެފައިވާނެ ކަމަށް ބެލެވިފައިވާ އިރު އެކަކު ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވިކަން މިހާރުވެސް ވަނީ ކަށަވަރު ވެފަ އެވެ.

އިސްރާއީލު ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ މިތިން ޒުވާނުންގެ ހަށިތައް ފެނިފައި ވަނީ ހުޅަނގުއައްސޭރީގެ ޚަލީލު ސިޓީގެ އުތުރުގައިވާ ޙަލްހޫލު ވިލެޖުގެ އެކަހެރި ހިސާބެއްގައިވާ ވަޅުގަނޑެއްގެ ތެރެއިން ކަމުގަ އެވެ. އިސްރާއީލުގެ ތަރްޖަމާނުގެ ވާހަކާގައި މިތިން ޒުވާނުން ވަގަށް ނަގައިގެން މަރާލި ކަމުގެ ތުހުމަތު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ މައްޗަށް ކުރެއްވި އެވެ. އަދި މިއީ އިންސާނިއްޔަތާ ޚިލާފު ބޮޑު ޖަރީމާއެއް ކަމަށް ވެސް ސިފަކުރެއްވި އެވެ. ހަމާސުން ވަނީ މިކަން ދޮގުކޮށްފަ އެވެ. މިތިން ޒުވާނުން ހޯދުމުގެ ނަމުގައި އިސްރާއީލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި ފަލަސްތީނުގެ ތިން ޒުވާނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލި ޖަރީމާއާބެހޭ ގޮތުން އިސްރާއިލުގެ ތަރްޖަމާން ވާހަކަ ދައްކަވާފައެއް ނުވެ އެވެ.

މިތިން ޒުވާނުންނަކީ ވެސް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ގާނޫނާ ޚިލާފަށް ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނަޅާފައިވާ ޔަހޫދީންގެ އާއިލާތަކަށް ނިސްބަތްވާ ޒުވާނުންނެވެ. ހައްދުފަހަނަޅާފައިވާ މި ޔަހޫދީ ވަޒަންވެރިންނަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުން ކޮންމެވެސް ދުވަހަކު ފައިބަންޖެހިދާނެތީ އެބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމުގެ ރޭވުމުގެ ދަށުން ދުނިޔޭގެ އެކި ގައުމުތަކުން ގެނަސް ހުޅަނގުއައްސޭރީގައި އިސްރާއީލުން ބިނާކުރާ ޔަހޫދީ އަވަށްތަކުގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންނެވެ. އެހެންކަމުން މިތިން ޒުވާނުން ވެސް ނިސްބަތްވަނީ އެކި ގައުމުތަކަށެވެ. މީގެ ތެރެއިން އެކަކީ އެމެރިކާގެ ޔަހޫދީ އެވެ. އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ގާނޫނާ ޚިލާފަށް އިސްރާއީލުން ވަޒަންވެރިކުރުވާފައި މިލިޔަނެއްހާ ޔަހޫދީން އެބަތިއްބެވެ.

ހައްދުފަހަނަޅާފައިވާ މިޔަހޫދީ ވަޒަންވެރިން ގެންދަނީ ހުޅަނގު އައްސޭރީގެ އަސްލު ރައްޔިތުން ކަމަށްވާ ފަލަސްތީނު މީހުންނަށް ޖެއްސުންކޮށް އެމީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުންދީ ބަޑިން ބިރުދައްކައި ޓެރަރިޒަމްގެ އަމަލުތައް ވަރަށް ފުޅާދާއިރާއެއްގައި ހިންގަމުންނެވެ. މިގޮތުން ފަލަސްތީނު ރައްޔިތުންގެ ދަނޑުތައް ހަލާކުކޮށް ގެދޮރަށް ހަމަލާދީ ކާރު ފަދަ ތަކެތީގައި އަލިފާންޖަހައި ކުޑަކުދިންނާއި އަންހެނުންނާ އަދި މުސްކުޅިންނަށް ދުއްތުރާކޮށް ބިރުދެއްކުމަކީ ޔަހޫދީ ވަޒަންވެރިން އާންމުކޮށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިންގަމުން ގެންދާ ޖަރީމާތަކެކެެވެ. ނަމަވެސް ހުޅަނގު އައްސޭރި ހިފައިގެން އުޅޭ އިސްރާއީލުގެ ސިފައިން ޔަހޫދީންގެ މިހަރުކަށި އަމަލުތަކަށް ދަނީ އަޅާނުލައި ބީރު ކަންފަތެއް ދެމުންނެވެ.
ޔަހޫދީ ވަޒަންވެރިން މިފަދަ އަމަލުތައް ހިންގުމުގެ މަގްސަދަކީ ހުޅަނގު އައްސޭރީގެ ބިންތަކުން ވެސް ފާބައިގެން ދިޔުމަށް ފަލަސްތީނުގެ ރައްޔިތުންނަށް މަޖްބޫރު ކުރުވުމެވެ. އިސްރާއީލުގެ ދައުލަތުގެ ގޮތުގައި މިހާރުއޮތް ފަލަސްތީނުގެ ބިންތަކަކީ ވެސް މިދިޔަ ގަރުނުގެ ކުރީކޮޅު (އެބިންތައް އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައިއޮތް ދުވަސްވަރު) ދުނިޔޭގެ އެކި ގައުމުތަކުން ހިޖްރަކުރި ޔަހޫދީން އެބިންތަކުގައި ވަަޒަންވެރި ވުމަށް ފަހު މިފަދަ އަނިޔާވެރި އަމަލުތައް ހިންގައިގެން އެބިންތަކުން ފަލަސްތީނުގެ ރައްޔިތުން ބޭރުކުރި ބިންތަކެވެ.

ޔަހޫދީންގެ މިތިން ޒުވާނުން ގެއްލުމާ ގުޅިގެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްފާއިތުވި ތިން ހަފްތާގައި ހިންގި އަސްކަރީ އޮޕަރޭޝަންގައި ފަލަސްތީނުގެ ތިން މީހަކުޝަހީދުކޮށްލާފައިވާ އިރު އިސްރާއީލުން ފަލަސްތީނުގެ 400 އަށްވުރެ ގިނަ މީހުން ޝަރީޢަތަކާނުލައި ހައްޔަރުކޮށްފައިވެ އެވެ. މި ތިން ޒުވާނުން ވަގަށް ނެގުމުގެ ތުހުމަތު އިސްރާއީލުން ކޮށްފައި ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތަށެވެ. ނަމަވެސް ޙަމާސުންވަނީ މިތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. ގެއްލުނު އިސްރާއީލުގެ ތިން ޒުވާނުން ހޯދުމުގެ ނަމުގައި އިސްރާއީލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި އާދަޔާ ޚިލާފަށް ބާރު ބޭނުންކޮށް ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި އަރައިގަތް ކަމުގެ ތުހުމަތު އދ.ން އިސްރާއީލުގެ މައްޗަށް ކޮށްފައިވެ އެވެ. (ނޫސްއެޖެންސީތައް)