ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖަށް ފަހު، އާޖެންޓީނާ އަށް ދެން ކުރިމަތިލާން ޖެހިފައި އޮތީ އާ ވޯލްޑް ކަޕަކަށް ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

މި މުބާރާތުގެ ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް އާޖެންޓީނާ ދަތުރުކުރީ ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އާއި އީރާން އަދި ނައިޖީރިއާ އަތުން މޮޅުވެގެންނެވެ.

"ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ކޮލިފައިވުމުން އުފާކުރަން. ނަމަވެސް ދެން މި ފެނިގެންދިޔައީ އާ ވޯލްޑް ކަޕެއް،" މެސީގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ. "އަހަރެމެން ބޭނުންވަނީ ބޮޑު ކާމިޔާބެއް."

ބާސެލޯނާއާ އެކު ހިތްދަތި ސީޒަނެއް ހޭދަކުރުމަށް ފަހު، ވޯލްޑް ކަޕާ ކުރިމަތިލި މެސީ ވަނީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ހުރިހާ މެޗެއްގައި ވެސް ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ކުޅުނު ތިން މެޗުން މެސީގެ ފަރާތުން ހަތަރު ލަނޑު ފެނިގެންދިޔަ އިރު، ކޮންމެ މެޗެއްގައި ވެސް އާޖެންޓީނާ ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ކާމިޔާބުކުރީ މެސީ އެވެ.

ގަދަ 16ގައި އާޖެންޓީނާ އާޖެންޓީނާ ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ. ބްރެޒިލްގެ ސައޯ ޕޯލޯގެ އެރީނާ ކޮރިންތިއަންސްގައި ކުޅޭ މި މެޗަށް އާޖެންޓީނާ ނުކުންނާނީ ރާއްޖޭ ގަޑިން މިރޭ 9:00 ގަ އެވެ.