01 Jul 2014, 10:33
ވޯލްޑް ކަޕްގެ ގަދަ 16ގައި އަލްޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖަރުމަނުގެ އަންދުރޭ ޝޫލާ ކާމިޔާބުކުރި "ފެންސީ" ލަނޑަކީ ނަސީބާ އެކު ކާމިޔާބުކުރެވުނު ލަނޑެއް ކަމުގައި އޭނާ ބުނެފި އެވެ.
ޔޯޝިމް ލޯގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ ޖަރުމަނަށް ވަރުގަދަ ހިތްވަރަކާ އެކު ކުޅުނު އަލްޖީރިއާ ކޮޅަށް 90 މިނެޓް ހަމަވުމުގެ ކުރިން ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މެޗުގެ އިތުރު ވަގުތު ކުޅެގެން 2-1 ލަނޑުން މޮޅުވެ، ޖަރުމަނުން ވަނީ ކުއާޓާ ފައިނަލުން ޖާގައެއް ހޯދައިފަ އެވެ.
އަލްޖީރިއާ ކޮޅަށް ޖަރުމަނުގެ ފުރަތަމަ ލަނޑު ޝޫލާ ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލް އެވެ. އަދި އިތުރު ވަގުތުގެ ކުޅުން ނިމެނިކޮށް އަލްޖީރިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލްމުއުމީން ޑިޖާބޫ އެވެ.
"އަހަރެމެން ބޭނުންވީ ކުރީކޮޅުގައި މެޗުން މޮޅުވާން،" 'ޒެޑްޑީއެފް' އަށް ދިން އިންޓަވުއެއްގައި ޝޫލާ ބުންޏެވެ. "އަލްޖީރިއާ އިން ވަރަށް ރަނގަޅަށް ކުޅުނު. އެމީހުން އަހަރެމެންނަށް ޕްރެޝަރު ކުރި. އަހަރެންނަށް ކާމިޔާބުކުރެވުނީ މީގެ ތިން ހަފްތާކުރިން މައިންޒްގައި ކާމިޔާބުކުރި ކަހަލަ ލަނޑެއް. އަހަރެންގެ ކިބައިގައި އެ ކަހަލަ ލަނޑެއް ކާމިޔާބުކުރުމުގެ ގާބިލްކަން އެބަހުރި. އެ ލަނޑު ކާމިޔާބުކުރެވުނީ ކުޑަ ނަސީބަކާ އެކު."
މި މުބާރާތުގެ ކުއާޓާގައި ޖަރުމަން ނުކުންނަން ޖެހޭނީ ފްރާންސްއާ ދެކޮޅަށެވެ. މި މެޗަށް ޖަރުމަން ނުކުންނަން ޖެހޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގަ އެވެ.