ވޯލްޑް ކަޕްގެ ގަދަ 16ގައި ފްރާންސް އަތުން ބަލިވެ، މުބާރާތުން ނައިޖީރިއާ ކެޓި މެޗަށް ފަހު، އެ ޓީމުގެ ކެޕްޓަން ޖޯސެފް ޔޯބޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.

ފްރާންސް އަތުން ރޭ 2-0 ލަނޑުން ބަލިވި މެޗަކީ، އުމުރުން 33 އަހަރުގެ ޔޯބޯ ނައިޖީރިއާ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، 100 މެޗު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާ އަށް ޔޯބޯ ވެގެންދިޔަ އިރު، އޭނާ އަށް މި މެޗު ވެގެންދިޔައީ ހިތި މެޗަކަށެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް އޭނާގެ އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފަ އެވެ.

"މިއީ އަހަރެންނަށް ހިތި ވަގުތު ކޮޅެއް. އެކަމަކު އަހަރެންނަށް ހީވަނީ އާއިލާއާ މެދު އިސްކަންދޭންވީ ވަގުތު އައިސް ޖެހިއްޖެ ހެން،" ނޫސްވެރިންނާ ވާހަކަދައްކަމުން ޔޯބޯ ބުންޏެވެ. "އަހަރެން މި މަގުން ހިނގަމުން ދިޔަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ،"

ނައިޖީރިއާ ޓީމަށް ޔޯބޯ ކުޅެން ފެށީ 2001 ވަނަ އަހަރު އެވެ. އެއަށް ފަހު، 2002 ވަނަ އަހަރު އޭނާ ވެގެންދިޔައީ ނައިޖީރިއާ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއަކަށެވެ. ނައިޖީރިއާ އެކު ތިން ވޯލްޑް ކަޕެއްގައި ޔޯބޯ ކުޅުނު އިރު، މިދިޔަ އަހަރު އެ ޓީމުން އެފްރިކަން ނޭޝަންސް ކަޕުގެ ޗެމްޕިއަންކަން ހޯދީ އޭނާގެ ކެޕްޓަން ކަމުގެ ދަށުގަ އެވެ.