01 Jul 2014, 10:29
ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި ކުޅުނު ފަހު މެޗުގައި އިޓަލީގެ ޖިއޯޖިއޯ ކިއެލިނީގެ ގައިގައި އެންމެ ފަހުން ދަތް އެޅި ކަމަށް އެއްބަސްވެ، އޭނާގެ ފަރާތުން ދެން ދުވަހަކު ވެސް އެ ކަހަލަ އަމަލެއް ނުފެންނާނެ ކަމަށް ވައުދުވެ، ކިއެލީނީގެ ކިބައިން ސުއަރޭޒް މައާފަށް އެދިއްޖެ އެވެ.
އިނގިރޭސި ކްލަބު ލިވަޕޫލް އަށް ކުޅެމުންދާ ފޯވަޑް ސުއަރޭޒް ސަސްޕެންޑް ކުރީ އިޓަލީ ޑިފެންޑަރު ކިއެލިނީގެ ކޮނޑުގައި ދަތް އެޅުމުގެ ސަބަބުންނެވެ. ފީފާ އިން ސުއަރޭޒް ދަތް އެޅި މައްސަލަ ބެލުމަށް ފަހު، ނިންމީ ބައިނަލްއަގްވާމީ ނުވަ މެޗަށް އޭނާ ސަސްޕެންޑްކޮށް، ހަތަރު މަސް ދުވަހު ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވޭވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ.
"ދަތް އެޅުމުގެ ސަބަބުން ކިއެލިނީ އަށް އަނިޔާވުމުން ހިތާމަކުރަން. އެ ހާދިސާގެ ސަބަބުން މުޅި ފުޓްބޯޅަ އާއިލާ އާ ކިއެލިނީގެ ފަރާތުން މައާފަށް އެދެން. ކުރިއަށް އޮތްތާ އަހަރެންގެ ފަރާތުން އެކަހަލަ އެއްވެސް އަމަލެއް ނުފެންނާނެ ކަމަށް ވައުދުވަން." ސުއަރޭޒް ނެރުނު ބަޔާނެއްގައި ބުންޏެވެ.
ކިއެލިނީ އަށް ސުއަރޭޒް މައާފަށް އެދުމުން ޓްވިޓާ މެދުވެރިކޮށް، ކިއެލިނީ ވަނީ ސުއަރޭޒް އަށް މާފުކޮށްފަ އެވެ. އަދި އެ ހުރިހާ ކަމެއް ހަނދާން ނައްތާލާފައިވާ ކަމަށާއި ފީފާ އިން ސުއަރޭޒް އަށް ދިން އަދަބު ލުއިކޮށްދޭނެ ކަމަށް އުންމީދުކުރާ ކަމަށް ކިއެލިނީ ބުންޏެވެ.
ސުއަރޭޒްއާ ނުލައި ކުޅުނު ގަދަ 16ގެ މެޗުން ކޮލަމްބިއާ އަތުން 2-0 ލަނޑުން ބަލިވެ، ޔުރުގުއާއީ ވަނީ މިހާރު މުބާރާތާ އަލްވަދާއު ކިޔައިފަ އެވެ. މި މުބާރާތުގައި ސުއަރޭޒް ނުލައި، ޔުރުގުއާއީ ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.