01 Jul 2014, 10:23
ސްރީހަރިކޮޓާ (ޖުލައި1): އިންޑިޔާ އިން އެއް ރޮކެޓެއްގައި ފަސް ސެޓަލައިޓް އެއްފަހަރާ ޖައްވަށް ފޮނުވާލައިފި އެވެ.
މި ފަސް ސެޓަލައިޓް ފޮނުވާލުމަށް އިންޑިޔާގެ ސްޕޭސް ރީސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން ބޭނުންކޮށްފައި ވަނީ އެ އިދާރާ އިން ތައްޔާރުކޮށްފައިވާ "ޖީއެސްއެލްވީ" މަރުކާގެ ރޮކެޓެކެވެ. މިރޮކެޓް ބޭނުންކޮށްގެން "އިސްރޯ" އިން އިއްޔެ ހެނދުނު ޖައްވަށް ފޮނުވާލި ފަސް ސެޓަލައިޓަކީ ފަރަންސޭސިވިލާތުގެ ދެ ސެޓަލައިޓަކާއި ކެނެޑާގެ ސެޓަލައިޓަކާއި ސިންގަޕޫރުގެ ސެޓަލައިޓަކާ ޖަރުމަނުގެ ސެޓަލައިޓެކެވެ. ފަސް ސެޓަލައިޓާ އެކު މި ރެކެޓް އުދުއްސާލާފައި ވަނީ އިންޑިޔާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އަންދްރާ ޕްރަދޭޝްގެ ކަނޑުގެ އައްސޭރިފަށުގައިވާ ސްރީހަރިކޮޓާ ސްޕޭސް ސްޓޭޝަނުންނެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ވަނީ އެއް ރޮކެޓެއްގައި ފަސް ސެޓަލައިޓް އެއްފަހަރާ ޖައްވަށް ފޮނުވާލުމުގައި އިސްރޯ ހޯދި ކާމިޔާބީއަކީ އިންޑިޔާގެ ކޮންމެ ރައްޔިތަކަށް ވެސް ލިބުނު ފަޚްރެއް ކަމަށް ސިފަކުރައްވާފަ އެވެ. މޯދީގެ ވާހަކާގައި އޭނާގެ ވެރިކަމުގައި އިންޑިޔާ އަކީ ފަޒާގެ ސައެންސާއި ޓެކްނޮލޮޖީގައި މިހާރަށް ވުރެ މާބޮޑަށް ކުރިއަރާފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގައިވާ އެންމެ އަގުހެޔޮ ފަޒާގެ ޓެކްނޮލޮޖީ އިންޑިޔާ އިން ދުނިޔެއަށް ތައާރަފް ކުރާނެ ކަމުގެ ޔަގީންކަން ވެސް މޯދީ ދެއްވި އެވެ.
އިންޑިޔާއަކީ މިހާރު ވެސް އެހެން ގައުމުތަކަށް ވުރެ ފަޒާގެ ޓެކްނޮލޮޖީގެ ވަސީލަތްތައް އަގުހެޔޮ ގައުމެކެވެ. ހުޅަނގުގެ ގައުމުތައް ވެސް ސެޓަލައިޓްތައް ޖައްވަށް ފޮނުވުމަށްޓަކައި އިންޑިޔާގެ "ޖީއެސްއެލްވީ" މަރުކާގެ ރޮކެޓް ބޭނުންކުރަނީ އޭގެ އަގު ހެޔޮވުމުގެ ސަބަބުންނެވެ. "ޖީއެސްއެލްވީ" ރޮކެޓްގައި އެންމެ ފަހުން އިސްރޯއިން އަމިއްލައަށް އުފައްދައިގެން ހަރުކޮށްފައިވާ ކްރައިޔޮޖެނިކް އިންޖީނަކީ ފަޒާގެ ދަތުރުތަކަށް އެންމެ އަގު ހެޔޮ އިންޖީނު ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޑިޔާއަކީ މިބާވަތުގެ އިންޖީނު އުފެއްދި ހަ ވަނަ ގައު މެވެ. (ޕްރެސް ޓްރަސްޓް އޮފް އިންޑިޔާ)