ދެ ކޮމެޓީއެއް ފިޔަވައި، އެހެން ހުރިހާ ކޮމެޓީތަކުގެ މުގައްރިރު ކަމުގެ ގޮނޑި ސަރުކާރު ހިންގާ ޕީޕީއެމުން ނަގައިފި އެވެ. މުގައްރިރުން އިންތިހާބު ނުކުރާ ކޮމެޓީތަކަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީ އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރީ ރޭ ބޭއްވި ކޮމެޓީ ބައްދަލުވުންތަކުގަ އެވެ. ރޭ ބޭއްވި ކޮމެޓީ ބައްދަލުވުންތަކުގައި މަޖިލީހުގައި ހިމެނޭ ޖުމްލަ 13 ކޮމެޓީއެއްގެ ތެރެއިން 11 ކޮމެޓީއެއްގެ މުގައްރިރުންނަށް ހޮއްވަވާފައި ވަނީ މެޖޯރިޓީ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނެވެ. އަދި ނުވަ ކޮމެޓީއަކަށް ނައިބު މުގައްރިރުން އިންތިހާބުކޮށްފައިވާ އިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވަނީ ހަތަރު ކޮމެޓީއަކުން ނައިބު މުގައްރިރުކަން ހޯދާފަ އެވެ. ދެ ކޮމެޓީއެއްގެ ނައިބު މުގައްރިރުކަން އެމްޑީޕީން ވަނީ ހޯދާފައިވެ އެވެ. އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އަށް ވެސް ވަނީ ދެ ކޮމެޓީއަކުން ނައިބު މުގައްރިރުކަން ލިބިފަ އެވެ.

ދައުލަތުގެ މާލިއްޔާ ހިސާބުކުރާ މާލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮއްވަވާފައި ވަނީ އެމްޑީއޭގެ ނައިބު ލީޑަރު ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރެވެ.

މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވާ ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމެވެ. އެ ކޮމެޓީގެ ނައިބު މުގައްރިރަކަށް ހޮއްވަވާފައި ވަނީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފެވެ.

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. އަދި ނައިބު މުގައްރިރަކަށް ހޮއްވަވާފައި ވަނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) އެވެ.

އިޖުތިމާއީ ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު (އަލިބެ) އެވެ. އެ ކޮމެޓީގެ ނައިބަކަށް ހޮއްވަވާފައި ވަނީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

މަޖިލީހުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ އާންމު ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ އެ ކޮމެޓީގެ ނައިބު މުގައްރިރު ކަމަށް އައްޔަން ކުރައްވާފަ އެވެ.

ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރަށް އައްޔަންކޮށްފައި ވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެވެ. އެ ކޮމެޓީއަށް ނައިބު މުގައްރިރަކު ހޮވުމަށް ނެގި ވޯޓު ވަނީ އެއްވަރުވެފަ އެވެ.

ގައުމީ ތަރައްގީގެ ކޮމެޓީގެ މުގައްރިރަކަށް ވެސް އައްޔަންކޮށްފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރެކެވެ. ނަމަވެސް އެ ކޮމެޓީ އަށް ވެސް ނައިބު މުގައްރިރަކު ހޮވުމަށް ނެގި ވޯޓު އެއްވަރުވެގެން ބައްދަލުވުން ހުއްޓާލީ އެވެ. އަދި އިމްތިޔާޒު ކޮމެޓީގެ މުގައްރިރަކަށް އައްޔަން ކުރީ ވެސް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް މެމްބަރެކެވެ. ނަމަވެސް ނައިބަކަށް އިންތިހާބު ކުރީ ޖޭޕީގެ މެމްބަރެކެވެ.

ޕެޓިޝަން ކޮމެޓީގެ މުގައްރިރަކަށް ހޮއްވަވާފައި ވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދެވެ. އެ ކޮމެޓީގެ ނައިބު މުގައްރިކަށް ހޮއްވަވާފައި ވަނީ ހެންވަރޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ.

ގަވާއިދު ކޮމެޓީގެ ރޭގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ ކޮމެޓީގެ މުގައްރިރަކަށް އިންތިހާބުކޮށްފައި ވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އެވެ. އެ ކޮމެޓިގެ ނައިބަކަށް އިންތިހާބު ކުރީ މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސައިން (އުމަރުބެ) އެވެ.