01 Jul 2014, 10:19
އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ކޯލިޝަނުން "ވަކިކޮށްފައިވާ" ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުންގެ ވޯޓާ އެކު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ މުގައްރިރުކަން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހޯއްދަވައިފި އެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީ އަށް މުގައްރިރާއި ނައިބު މުގައްރިރުން ހޮވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ރިޔާޒު ރަޝީދު މުގައްރިރަކަށް އައްޔަން ކުރެއްވުމަށް ހުށަހެޅުއްވީ ޖޭޕީ ޕާލަމެންޓްރީ ގްރޫޕުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދެވެ. އިލްހާމްގެ ހުށަހެޅުއްވުމަށް ތާއިދު ކުރެއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޮޕުގެ މެމްބަރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގެ މުގައްރިރަކަށް ރިޔާޒު ރަޝީދު އައްޔަން ކުރަން ފެނޭތޯ ވޯޓަށް އެހުމުން، ޕީޕީއެމްގެ މެމްބަރުން އޭނާއަށް ވޯޓެއް ނުދެއްވަ އެވެ. އަދި އެ ކޮމެޓީގައި އިންނަވާ އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް އޭނާއަކަށް ވޯޓެއް ނުދެއްވަ އެވެ.
ނަމަވެސް ހަ މެމްބަރުންގެ އަގުލަބިއްޔަތުން ރިޔާޒު ރަޝީދު ވަނީ ކޮމެޓީގެ މުގައްރިރުކަން ހޯއްދަވާފަ އެވެ.
ރިޔާޒު ރަޝީދު މުގައްރިރު ކަމަށް އައްޔަން ކުރަން ވޯޓު ދެއްވި ބޭފުޅުންނަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ރޮޒައިނާ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) އާއި މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ފަލާހާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އިބްރާހީމާއި އިލްހާމެވެ. ރިޔާޒު ރަޝީދު ވެސް ވަނީ އޭނާގެ އަމިއްލަ ނަންފުޅަށް ވޯޓު ދެއްވާފަ އެވެ.
އެ ކޮމެޓީގެ ނައިބު މުގައްރިރުގެ މަގާމަށް އައްޔަން ކުރީ މަވޯޓާ ޝަރީފެވެ. އެމްޑީޕީގެ ހުށަހެޅުމާ އެއްގޮތަށް ރިޔާޒު ރަޝީދު ވަނީ ޖޭޕީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކު ޖުމްލަ ހަ މެމްބަރުންގެ އަގުލަބިއްޔަތުން މަވޯޓާ ޝަރީފު ނައިބު މުގައްރިރަކަށް އައްޔަން ކުރުމަށް ވޯޓު ދެއްވާފަ އެވެ.
ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ނައިބު މުގައްރިރުކަން އެމްޑީޕީއަށް ލިބިފައިވާ އިރު ޕެޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު ކަމަށް ވެސް އައްޔަން ކޮށްފައި ވަނީ އެމްޑީޕީގެ މެމްބަރެކެވެ. އެ ކޮމެޓީގެ ނައިބު މުގައްރިރަކީ ހެންވަރޫ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އެވެ.