މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރަށް ދިން 15 މިނިޓްގެ ދެހާފުގައި އަންދުރޭ ޝޫލާއާއި މެސުޓް އޮޒިލް ޖަހައިދިން ދެ ލަނޑާއެކު 2-1 އިން އަލްޖީރިއާ އަތުން ލިބުނު އުނދަގޫ މޮޅަކާއެކު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ޖަރުމަނު ހޯދައިފި އެވެ.

ދިގުދެމިގެން ދިޔަ އިންތިޒާރަށް ފަހު މެޗުގެ ފުރަތަމަ ލަނޑު ޖަރުމަނަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ޗެލްސީ ފޯވާޑް ޝޫލާއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ދެވަަނަ މިނިޓުގައި އަލްޖީރިއާގެ ގޯލް އޭރިޔާ ތެރެއަށް ތޯމަސް މުލާ ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ޖަރުމަނަށް ނަތީޖާ ފުޅާކޮށްދިން ލަނޑު އޮޒިލް ކާމިޔާބުކުރީ، އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހު މިނިޓުގައެވެ. އަދި އޭގެ މިނިޓެއް ފަހުން، އަލްޖީރިއާއިން މިމެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، އަބްދުލްމުއުމީން ޑިޖާބޫއެވެ.

ޕޯޓޯ އަލެގްރޭގެ އެސްޓާޑިއޯ ބެއިރާ-ރިއޯގައި ރޯދައިގެ ވަރުބަލި ކަމާއެކު ވެސް 120 މިނިޓު ވަންދެން ހިތްވަރު ގަދަ ކުޅުމެއް ދެއްކި އަލްޖީރިއާ ކުޅުންތެރިން އަތުން ލިބުނު މޮޅާއެކު، ދުނިޔޭގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޖަރުމަނު މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީ، 1998 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. މިއީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖަރުމަނު ޖެހިޖެހިގެން ޖާގަ ހޯދި ނުވަ ވަނަ ފަހަރެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެ ދިޔަ މެޗުގެ ފުރިހަމަ ވަގުތުގައި ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ޖަރުމަނު ޓީމުންނެވެ. އެގޮތުން މެޗުގެ 55 ވަނަ މިނިޓުގައި އަލްޖީރިއާގެ ގޯލަށް ޖަރުމަނުގެ ކެޕްޓަން ފިލިޕް ލާމް ފޮނުވާލި ބާރު ހަމަލާގެ ނިވާފަތްގަނޑަކަށް ވީ އަލްޖީރިއާގެ ގޯލް ކީޕަރު ރާއިސް އެވެ.

ވޯލްޑް ކަޕް 1982ގައި ޖަރުމަނު ބަލިކުރި އަލްޖީރިއާއިން އިތުރު މޮޅަކަށް އެދި ކުރި މަސައްކަތުގައި އެޓީމުގެ ފޯވާޑް އިސްލާމް ސުލިމާނީ 72 ވަނަ މިނިޓްގައި އުފައްދަން މަސައްކަތްކުރި ހަމަލާ ބޭކާރުކޮށްލީ ޖަރުމަނުގެ ގޯލް ކީޕަރު މެނުއަލް ނޮޔާއެވެ.

ކުއާޓާ ފައިނަލްގައި ޖަރުމަނާއި ފްރާންސް ވާދަކުރާ މެޗު ކުޅޭނީ ޖުލައި ފަސް ވަނަ ދުވަހު، ރިއޯ ޑި ޖެނެއިރޯގެ މަރަކާނާ ސްޓޭޑިއަމްގައެވެ.