01 Jul 2014, 00:20
ފުލުހެއްގެ ހައިސިއްޔަތުން ރަމްޟާންމަހު ލިބިގަންނަންޖެހޭ އެއް ތަރުބިއްޔަތަކީ މުއައްސަސާގެ ސިއްރުތައް ހިފެހެއްޓުން ކަމަށާއި އެއީ ވަރަށް ބޮޑު އަމާނާތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރަމްޟާން މަހުގެ ދުވަސްތައް އިޙްޔާކުރުމުގެ ގޮތުން ފުލުހުންގެ މުއައްސަސާއިން އިންތިޒާމުކޮށްގެން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކޮންމެ ފުލުހަކު ވެސް މަސައްކަތުގައި ތެދުވެރިވާން ޖެހޭނެ ކަމަށެވެ. ކޮންމެ ފުލުހަކު ވެސް ދީނާއި ޤައުމަށް ތެދުވެރިވުމާއި މުއައްސަސާއަށް ތެދުވެރިވުމާއި ޔުނީފޯމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފުލުހެއްގެ ވަޒީފާގައި ފުލުހުންނަށް ލިބެމުންދާ ކުރިއެރުމާއި ލިބިފައި ހުރި ކޮންމެ ތަރިއަކީ ޤިޔާމަތް ދުވަހުން އެ ތަރިއަކާމެދު ސުވާލު ކުރެވޭނެ ތަރިއެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
ފުލުހުން މާލެ އާއި އަތޮޅުތަކުގައި ރޭގަނޑުގެ ވަގުތުތަކުގައި ޑިއުޓީ އަދާކުރަމުންދާއިރު އެއީ އުއްމަތާއި ގައުމަށްޓަކައި މުސްލިމުންގެ މުއައްސަސާތައް ޙިމާޔަތްކުރުމުގެ މަޤްޞަދުގައި ތެދު ނިޔަތުގައި ތިބެގެން އަދާކުރާ ޑިއުޓީއެއްނަމަ އެކުރެވެނީ ވަރަށް ބޮޑު އަޅުކަމެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. ޑިއުޓީ އާއި ވަޒީފާ އޮންނަ ގޮތުންވިޔަސް ޖަމާއަތުގައި ނަމާދު ކުރުން ދޫކޮށްނުލައިވޭތޯ ބެލުން މުހިއްމު ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ތަރާވީހުގެ ޖަމާއަތުން މަދުވެގެން ދެ ރަކުއަތް ނަމަވެސް ކުރެވޭތޯ ބަލަން ވަރަށް ބޮޑަށް މަސައްކަތް ކުރުމަށާއި ގުރުއާން ކިޔެވުން ގިނަކޮށް މައިންބަފައިންނަށް ހިދުމަތް ކުރުންމަތީ ދެމިތިބުމުގެ އިތުރުން މައިންބަފައިންގެ ހެޔޮ ދުޢާއިން އުފާލިބިގަންނަ ބައެއް ކަމުގައި ފުލުހުން ވުމަށް ޝަހީމް ގޮވާލެއްވި އެވެ.