ކުރިކެޓް ބޯޑުން އިންތިޒާމް ކޮށްގެން ބާއްވާ ޕިލިޕްސް އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ކުޅުން މިއަދު ފަށައިފި އެވެ.

ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިމުބާރާތުގައި ދެ މެޗް މިއަދު ކުޅެފައި ވާއިރު، ފުރަތަމަ މެޗް ކްރިކެޓް ބޯޑުގެ ވައިޑީޕީ ޓީމްއާއި ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ އޯލް އެޗް މޯލްޑިވްސްގެ ޓީމެވެ.

މިއަދުގެ މެޗުގައި ވައިޑީޕީ 8 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 66 ލަނޑު ހެދިއެވެ. މެޗުގައި އެންމެ ރަގަޅަށް ކުޅުނީ 11 ލަނޑުހެދި އާފި އެވެ. އަދި ޖަވާބުގައި އޯލް އެޗް މޯލްޑިވްސް ކުޅެން އަރައި ފަސް އޯވަރުގެތެރޭގައި 70 ލަނޑުހެދިއެވެ.

މިއަދުގެ ދެވަނަ މެޗް ގުލީ މޯލްޑިވްސް ކޮމްޕެނީއާ އޮލިވް ބައްދަލުކުރި މެޗް ގުލީ މޯލްޑިވްސް ކާމިޔާބުކުރީ 23 ލަނޑުންނެވެ. ގުލީ މޯލްޑިވްސް 8 އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 102 ލަނޑު ހެދިއެވެ. އަދި ޖިލްވާޒް ރަސީދު ނުބައިނުވެ 32 ލަނޑު ހެދިއިރު، ޖަވާބުގައި އޮލިވް ކުޅެންއަރައި 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 86 ލަނޑެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީޖީއައި އާއި ގެރެވި އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސީބީއެލްއާއި އެންކަރ ލިލީގެ ޓީމެވެ. ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ 4:15ގައެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައެވެ.