ކޮކާ-ކޯލާ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު އީގަލްސް އަތުން ފަސޭހަ ކަމާއެކު 6-3 ލަނޑުން މޮޅުވެ ބީޖީ އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އެފްއޭއެމްގެ ލައިފްބޯއީ ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނުު ފޯރިގަދަ މެޗުގައި ބީޖީއަށް ލަނޑުތަށް ކާމިޔާބު ކޮށްދިނީ ތިން ލަނޑު ޖެހި އިސްމާއިލް މުހައްމަދާއި ދެ ލަނޑު ޖެހި އިބްރާހިމް ޝިފާއު އަދި އެއް ލަނޑު ކާމިޔާބުކުރި އަބްދުﷲ ޝިފާއު އެވެ.

މެޗުގައި ބީޖީކޮޅަށް އީގަލްސްއިން ޖެހި ގޯލްތައް އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝިފާއު އާއި އަބްދުﷲ އިލްހާމް އަދި އަހުމަދު ނިމާލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ބީޖީގެ އިސްމާއިލް މުހައްމަދު އެވެ.

ޖުމްލަ އަށް ޓީމް ވާދަކުރާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމް ދެ ވަނަ ބުރަށް ދަތުރު ކުރާނެ އެވެ. އަދި މީގެ އިތުރުން ދެ ގްރޫޕް އެއްކޮށް ދެން އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަކަށް ވެސް ދެ ވަނަ ބުރުން ޖާގަ ލިބޭނެއެވެ. ދެ ވަނަ ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީއަށް ދަތުރު ކުރާނެ އެވެ.

މުބާރާތުގެ ސެމީގެ ފުރަތަމަ މެޗް އަންނަ މަހުގެ 23 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު ސެމީގެ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.

މިމުބާރާތުގެ ގްރޫޕް 'އޭ'ގައި އޮތީ އީގަލްސް އާއި ބީޖީގެ އިތުރުން މަހިބަދޫ އާއި ވިކްޓަރީ އެވެ. އަދި ގްރޫޕް 'ބީ'ގައި އޮތީ އޭވައިއެލް އާއި ސޮކަވެޓެރަންސް އެސޯސިއޭޝަނާއި ދިވެހި ސިފައިންގެ ކްލަބްގެ އިތުރުން މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ވެލެންސިޔާއެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ނިއުރެޑިއަންޓުން ބައިވެރިއެއް ނުވެއެވެ.

މި މުބާރާތަކީ 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ މުބާރާތެއް ނަމަވެސް، 35 އަހަރުން މަތީގެ 10 ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކުރެވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު ކުޅުންތެރިންނަށް އެއް ފަހަރާ ކުޅެން އެރޭ ގޮތައް ވެސް ވަނީ ހަމަޖައްސައިފައެވެ.

މި މުބާރާތުގައި މާދަމާ ހަވީރު 4:40 ގައި ބައްދަލުކުރާނީ މަހިބަދޫ އާއި ވިކްޓަރީ އެވެ.