"އެސްޓީއޯ ނޫފައި" ނަމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ކުންފުނީގެ އަމިއްލަ އުފެއްދުންތަކެއް ބާޒާރަށް ނެރެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް "ސަން" އަށް މިރޭ ވިދާޅުވީ އެސްޓީއޯ ނޫފަހި ގައި ޖުމްލަ ފަސް ބާވަތެއްގެ އުފެއްދުންތަށް ހިމެނޭ ކަމަށެވެ. ނަމަވެސް މިވަގުތު ބާޒާރުގައި ލިބެން ހުންނާނީ އެއިން ދެ ބާވަތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މީގަ އެބަ ހިމެނޭ ފަސް ބާވަތް. އެއީ ކައްކާތެޔޮ، ހިކިކިރު، ކާށި ކިރު އަދި ދޮންނަ ކުނޑި. ނަމަވެސް މިވަގުތު ލިބެން ހުންނާނީ ކާށިކިރާއި ކުކިން އޮއިލް އެކަނި، ޖުލައި 15 ގެ ކުރިން އަނެއް ތިން ބާވަތް ވިއްކަން ފެށޭތޯ އެބަ މަސައްކަތް ކުރަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެގޮތަށް އަމިއްލަ ޕްރޮޑަކްޓެއް ވިއްކުމުގެ ބޭނުމަކީ ރައްޔިތުންނަށް އާންމުކޮށް ބޭނުންކުރާ ބައެއް ތަކެތި އެއްއަގެއްގައި ނުވަތަ އާންމުކޮށް ލިބެންހުންނަ އަގަށްވުރެ ރަނގަޅު އަގެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އާންމުކޮށް އެތަކެތި ލިބެން ހުންނަ އަގަށްވުރެ "އެސްޓީއޯ ނޫފަހި" ޕްރޮޑަކްޓްތަށް 10 ނުވަތަ 15 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ އުފެއްދުންތަށް ބަނދުކޮށް ރާއްޖެ އެތެރެކުރަނީ މެލޭޝިއާއާއި ސިންގަޕޫރުން ކަމަށް އާޒިމް ވިދާޅުވި އެވެ.