09 Jan 2011, 12:41
މިދިޔަ ޖޫން މަހު ތ. ކިނބިދޫގައި އަށް މަހުގެ ދަރިފުޅު މަރާލި ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިންޑިއާގެ ރުބީނާ ބުރުހާނުއްދީނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މިއަދު ކުރިއަތް ގެންދެވޭ ގޮތެއް ނުވި އެވެ.
ދިވެއްސަކާ އިނދެގެން އުޅޭ ރުބީނާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފެށުމާއެކު އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މީގެ ކުރިން ވެސް ރުބީނާއަށް ވަކީލަކު ހަމަޖެއްސުމަށް 15 ދުވަހުގެ ފުރުސަތެއް ދީފައިވާ ކަމަށެވެ. އަދި ފިރިމީހާ ގާތުގައި އެހުމަށް ފަހު ގޮތެއް ނިންމާނެ ކަމަށް ރުބީނާ ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރުބީނާގެ ފިރިމީހާ ހުސެއިން ޖާބިރު ޝަރީއަތުގެ މަޖިލީހުގައި އިނުމާއެކު ގާޒީ އޭނާއާ ސުވާލު ކުރުމުން ޖާބިރު ބުނީ ދިފާއުގައި ވާހަކަ ދައްކާނެ ވަކީލަކު ހަމަޖައްސަން ބޭނުންނުވާ ކަމަށެވެ. އެކަމަކު މަރުގެ މައްސަލައެއްގައި ވަކީލަކަށް އެދިފައި ވަނިކޮށް ވަކީލަކާނުލައި ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ކަންތައް އޮތް ގޮތް އޮޅުން ފިލުވައިދިނުމުން ޖާބިރު ވަނީ ރުބީނާއަށް ދައުލަތުގެ ފަރާތުން ވަކީލަކު ހަމަޖެއްސުމަށް މަސައްކަތް ކުރަން އެއްބަސްވެފަ އެވެ.
~
ޝަރީއަތް ނިންމާލުމަށްފަހު ކޯޓް ރޫމް ތެރެއިން ބޭރަށް ރުބީނާ ނެރެން އުޅުމުން "ޖާބިރު އަހަރެން ގެންދޭ" އޭ ކިޔަމުން އޭނާ ރޯން ވެސް ފެށި އެވެ. ނަމަވެސް ޖާބިރު ހަމައެކަނި ބުނެލީ "ރޮނީ ނެތީ، ރޮނީ ނެތީ!" އެހެންނެވެ.
ޝަރީއަތުން ބޭރުގައި ކޯޓުގެ އޮފިސަރަކާ ވާހަކަ ދައްކަމުން ޖާބިރު ބުނެފައި ވަނީ "އަޅުގަނޑުގެ ދަރިފުޅު މަރާލީ ވެސް އޭނާ" ކަމަށާއި "ކޯޓުން ދޭނެ އަދަބެއް އޭނާއަށް ދިނުމަށް" ކަމަށެވެ.
ރުބީނާގެ މައްސަލައިގައި ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެންމެ އަށް މަހުގެ ދަރިފުޅު މަރާލުމަށްފަހު ދަރިފުޅު މަރުވި ކަމަށް ބުނެ ރިޕޯޓް ކޮށްފައި ވަނީ ވެސް ރުބީނާ އަމިއްލައަށް ކަމަށެވެ. އަދި ދަރިފުޅު މަރާލިކަން ފަޅާ އެރުމުން އޭނާ އަމިއްލައަށް ދަންޖެހިގެން މަރުވާން އުޅެފައިވާ ކަމަށްވެ އެވެ.