ފަހު ވަގުތާ ޖެހެންދެން ވެސް ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ނައިޖީރިޔާ ކޮޅަށް ޒުވާން ފޯވާޑް ޕޯލް ޕޮގްބާ ފަހު ހާފުގައި ޖަހައިދިން ލަނޑާއި ނައިޖީރިއާގެ ޖޯސެފް ޔޯބޯ ބައިކޮޅަށް ޖެހި ލަނޑާ އެކު 2-0 އިން ނައިޖީރިއާ އަތުން މޮޅުވެ ފްރާންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ހޯދައިފި އެވެ.

ބްރެޒިލްގެ ވެރިރަށް ބްރަސީލިޔާގެ އެސްޓާޑިއޯ ނެޝިއޮނާލްގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ ފްރާންސުންނެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ފްރާންސްގެ ޒުވާން މިޑްފީލްޑަރު ޕޮގްބާއަށް ލިބުނު ފުރުސަތު ފަހާގަ ކުރެވެއެވެ. ނައިޖީރިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޕޮގްބާ ފޮނުވާލި ބާރު ހަމަލާ ކީޕަރު އެނިޔޭމާ ދިފާއު ކުރިއެވެ. އަދި މެޗުގެ 39 ވަނަ މިނެޓުގައި ނިއުކާސަލް ޔުނައިޓެޑްގެ ޑިފެންޑަރު ޑެބޫޗީ ނައިޖީރިއާ ގޯލަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ފުރަތަމަ ހާފުގައި ނަތީޖާ ނެރެވިފައި ނުވާއިރު، ދެ ވަނަ ހާފުގައި މެޗުގެ ލީޑް ނެގުމަށް ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 57 ވަނަ މިނެޓުގައި ނައިޖީރިއާގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރެ ބެންޒެމާ ފޮނުވާލި ބޯޅަ ގޯލް ތެރެެއަށް ވަދެ ވަދެ އޮއްވާ، ގޯލުގެ ހުރަސް ރޮގުމަތިން ނައިޖީރިއާގެ ޒުވާން ފޯވާޑް ވިކްޓާ މޮސެސް ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

ފްރާންސްގެ ފަރާތުން ގިނަ ހަމަ ލަތަކެއް ނައިޖީރިއާ ގޯލަށް ދެ ވަނަ ހާފުގައި ވެސް އުފައްދަމުން ދިޔައިރު، މެޗުގެ 76 ވަނަ މިނެޓުގައި ވެސް ފްރާންސަށް މެޗުގެ ލީޑް ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނައިޖީރިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން ފްރާންސްގެ މިޑްފީލްޑަރު ޔޯހަން ކަބާއޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަޑިއަށެވެ.

އަދި އޭގެ ތިން މިނެޓް ފަހުން ދަނޑަށް ވަދެތިބި ފްރާންސްގެ ސަޕޯޓަރުން އަޑު ގުގުމައިގެން ދިޔައީ މެޗުގެ ފުރަތަމަ ގޯލް ޖަހައި ފްރާންސުން ލީޑު ނެގުމުންނެވެ. އެލަނޑު ފްރާންސަށް ކާމިޔާބު ކޮށްދިނީ މިރޭ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޒުވާން މިޑްފީލްޑަރު ޕޮގްބާ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ފްރާންސުން ލީޑް ނެގުމުން އިދިކޮޅު ނައިޖީރިއާގެ ކުޅުންތެރިންގެ ފަރާތުން އިތުރު މާޔޫސްކަމެއް ފެނިގެންދިޔައެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗުގެ އިތުރު ވަގުތުގައި ފްރާންސުން ލީޑް ފުޅާކުރުމެވެ. މެޗުގެ އިތުރުވަގުތުގެ ތެރޭގައި ފްރާންސް އިން ލީޑް ފުޅާ ކުރި ގޯލަކީ ނައިޖީރިއާގެ ޑިފެންޑަރު ޔޯބޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ކުއާޓާ ފައިނަލުގައި ފްރާންސް ވާދަކުރަން ޖެހޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 1:00ގައި ޖަރުމަނާއި އަލްޖީރިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.