މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކަކާ އެކު ނ. ހޮޅުދޫން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިރޭ ބުނީ ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އެމީހުން ތިބި ތަނުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތިން މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ތިން މީހުންގެ ތެރެއިން 25 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންކަމަށް ފުލުހުން ބުނެ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 21 އަހަރުގެ މީހާއަކީ މާރާމާރީ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 25 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރުމަށް ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ އިރު 22 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރުމަށް 11 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި 21 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެތީގެ އެ މައްސަލަ ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.