ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ރާއްޖެ އަށް ތަރައްގީ ގެނެސްދިނުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ވަންގް ފުކަންގް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ އެމްބެސެޑަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖެ އާއި ޗައިނާ އަކީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހުރިހާ ދާއިރާއަކުން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން ތައްޔާރަށް އޮތް ކަމަށެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަ ކުރުމަށްޓަކައި އިންޑިއާ އާއި މިޔަންމާއާ ގުޅިގެން ޗައިނާ އިން އެކުލަވާލި "ސުލްހަވެރިކަން ގާއިމްކުރުމުގެ ފަސް އުސޫލު" ޕްރޮމޯޓްކޮށްދިނުމަށް އެމްބެސެޑަރު ފުކަންގް ވަނީ ރާއްޖެ އަށް ގޮވާލައްވައިފަ އެވެ. އެމްބެސެޑަރު ނެރުއްވި ބަޔާނުގައި އެ ފަސް އުސޫލަށް ވެސް ވަނީ އަލިއަޅުވާލައްވައިފަ އެވެ.

އެ ފަސް އުސޫލުތަކުގެ ތެރޭގައި ހިމެނެނީ ސަރަހައްދީ ގުޅުން ދެމެހެއްޓުމަށާއި ގައުމުތަކުގެ މިނިވަންކަމަށް އިހްތިރާމްކުރުމާއި ކަންތައްތަކަށް ބާރު ނުފޯރުވުމާއި ގައުމުތަކުގެ އެތެރޭގެ ގުޅުންތަކާ ނުބެހުމާއި ހަމަހަމަ އުސޫލެއްގެ މަތިން އެއްބާރުލުން ދިނުން އަދި ސުލްހަވެރިކަން ގާއިމު ކުރުމެވެ.

ސުލްހަވެރިކަން ގާއިމްކުރުމުގެ ފަސް އުސޫލު ހާމަކުރުމުގެ އިތުރުން އެ އުސޫލުތައް އަދާކުރި ދައުރާއި މިހާރު އެ އުސޫލުތަކުގެ ހާލަތުގެ މައްޗަށް ވެސް އެމްބެސެޑަރު ފުކަންގްގެ ބަޔާނުގައި ވަނީ އަލިއަޅުއްވާލައިފަ އެވެ.