މާދަމާ އޮންނަ ރައްޔިތުން މަޖިލީހުގައި ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާޝިއަތު ޝިހާމް ހާޒިރުކޮށް، ޖަވާބުދާރީ ކުރުވަން ނިންމައިފި އެވެ. މިއީ އާ މަޖިލީހަށް މި ސަރުކާރުގެ މިނިސްޓަރު ހާޒިރުކޮށް ސުވާލު ކުރާ ތިން ވަނަ ފަހަރެވެ.

އެޑިއުކޭޝަން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ނިންމާފައި ވަނީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) މިނިސްޓަރާ ސުވާލު ކުރެއްވުމަށް އެދިވަޑައިގެންފައިވާތީ އެވެ. ޝަރީފް މިނިސްޓަރަށް ހުށަހަޅުއްވާފައިވާ ސުވާލަކީ ސ. މަރަދޫ ސްކޫލަށް ބޭނުންވާ ޒަމާނީ ވަސީލަތް ހޯދުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވޭތޯ އާއި ހިމަނާފައިވާނުވާނަމަ އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމެނުމަށް ނިންމާފައިވޭތޯ ބެލުމަށް ކުރައްވާ ސުވާލެކެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ހާޒިރުކޮށްފައިވާއިރު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ރައްޔިތުން މަޖިލީހަށް ހާޒިރުކޮށް ވަނީ ސުވާލު ކުރައްވާފައިވެ އެވެ.

މަޖިލީހުގެ ގަވައިދުގެ 62 ވަނަ މާއްދާގެ (ހ)ގައި ބުނާގޮތުން މެމްބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ މަޖިލީހުގެ ރައީސް މެދުވެރިކޮށް އެ ވަޒީރަކަށް ނޯޓިސްއެއް ފޮނުއްވައި، އޭގެ 14 ދުވަސް ފަހުން ބާއްވާ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފޮނުއްވާފައިވާ ނަންފުޅުތަކާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ އާދަމް ޒާހިރު (ކުރޮޅި ޒާހިރު)ގެ ނަންފުޅު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވާފައިވާ ފާތިމަތު އިނާޔާގެ ނަންފުޅާއި އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަން ކުރުމަށް ފޮނުއްވާފއިވާ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރުގެ ނަންފުޅު ދިރާސާ ކުރުމަށް ދާއިމީ ކޮމެޓީއަށް ފޮނުވުމުގެ މައްސަލަ ވެސް ވަނީ މާދަމާގެ ޖަލްސާއަށް ތަވާލުކޮށްފަ އެވެ.

އޭގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިނަށާއި މީހުނަށް ދެމުންދާ 2000 ރުފިޔާގެ އިނާޔަތް ބޮޑު ކުރުމަށް ހުށަހަޅާފައިވާ ބިލްގެ އިބްތިދާއީ ބަހުސާއި ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބައެއް ބިލްތަކުގެ ބަހުސް މާދަމާ އޮންނާނެ އެވެ.